ދުނިޔޭގެ އެއްވެސް ޑިފެންސަކަށް ބާސެލޯނާގެ ފޮވަޑް ލިއޮނަލް މެސީއެއް ނުހުއްޓުވޭނެ ކަމަށް މިރޭ ބާސާއާ ދެކޮޅަށް ނުކުންނަ ބަޔާން މިޔުނިކްގެ ކޯޗް ޕެޕްގޯޑިއޯލާ ބުނެފިއެވެ.

މިރޭ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗްގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއް ކަމަށާއި އޭނާ ހުއްޓުވޭނެ އެއްވެސް ޑިފެންސިވް ސިސްޓަމެއް ނެތް ކަމަށެވެ.

"މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއް. އެފަދަ ޑިފެންސިވް ސިސްޓަމް ނެތް. އެހެނެއް ނޫން އޭނާ ފަރާތުން އަންނަ ހަމަލާތައް މަދުކުރުމަށް މަސައްކަތް ކުރެވިދާނެ. އޭނާ މާކް ކުރުމުގައި ވަރަށް ކައިރިން ޕްރެޝާ ދެވިދާނެ. މިގޮތަށް އޭނާގެ ހަމަލާތައް މަދުކުރެވިދާނެ. އެކަމަކު އޭނާ ހުއްޓުވުމަކީ ނުވާނެ ކަމެއް،" ގާޑިއޯލާ ބުންޏެވެ.

މެސީއާ ނޭމާގެ ކުޅުމާ ބެހޭ ގޮތުން ގާޑިއޯލާ ބުނީ އެދެކުޅުންތެރިންގެ ކޮމްބިނޭޝަންގެ މަތިން ކޮންމެ ވަގުތަކުވެސް ނުރައްކާތެރި ހަމަލާއެއް އުފައްދަފާނެ ކަމަށެވެ.

ނަމަވެސް އޭނާގެ ޓީމްގެ ކުޅުންތެރިންގެ ފެންވަރު އެ މީހުންނަށް ނޭންގިދާނެ ކަމަށާއި އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ހުއްޓުވުމުގެ ގާބިލްކަން އޭނާގެ ކުޅުންތެރިންގެ ކިބައިގައި ހުންނާނެކަމަށެވެ.

ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ބާސާއާއި ބަޔާން ކުޅުމަށް ހަމަޖެހިފައިވާ މެޗް ފެށޭނީ މިރޭ 11:45 ގައެވެ.