26 Feb 2011, 11:55
ކްރިކެޓް ވޯލްޑް ކަޕުގައި މިއަދު ސްރީލަންކާ އާއި ޕާކިސްތާން ކުޅޭ މެޗުގައި ލަންކާއަށް އޮތް ހަމައެކަނި އެޑްވާންޓޭޖަކީ އަމިއްލަ ގައުމުގައި މެޗު ކުޅެން ޖެހުން ކަމަށް ޕާކިސްތާނުގެ ކެޕްޓަން ޝާހިދު އަފްރީދީ ބުނެފި އެވެ.
1992 ވަނަ އަހަރުގެ ޗެމްޕިއަން ޕާކިސްތާނާއި 1996 ވަނަ އަހަރުގެ ޗެމްޕިއަން ސްރީލަންކާއިން ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެއްދުވަހުގެ 120 މެޗު މި ދެ ގައުމުން ކުޅެފައިވާއިރު ޕާކިސްތާނު ވަނީ 70 މެޗު ކާމިޔާބު ކޮށްފަ އެވެ. ލަންކާ ކޮޅުވީ 46 މެޗުންނެވެ. އަދި އެންމެ ފަހުން ބޭއްވި ހަ ވޯލްޑް ކަޕުގައި ވެސް ލަންކާ އަތުން ޕާކިސްތާނު ބައްޔެއްނުވެ އެވެ.
މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ލަންކާ މާދަމާގެ މެޗަށް ނުކުންނަކީ އެންމެ ގަދަ ބާރުތަކާއެކުގަ އެވެ. އެއްދުވަހުގެ މެޗުތަކުގައި މިހާތަނަށް އެންމެ ގިނަ ވިކެޓްނެގި އުކުންތެރިޔާ މުއްތިއާ މުރަލީދަރަން ވެސް މާދަމާގެ މެޗަށް ނުކުންނާނެ އެވެ. މިހާތަނަށް 521 ވިކެޓް ނަގާފައިވާ ކުޅުންތެރިޔާ ވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު 64 މެޗުގައި 93 ވިކެޓް ނަގައިފަ އެވެ.
"ސްރީލަންކާގެ މާހައުލުގައި މުރަލީދަރަން އަކީ ވަރަށް ނުރައްކާ މީހެއް. ވަރަށް ފަސޭހައިން އޭނާ އެހެން ކުޅުންތެރިން ލޯމަތިން ބޯޅަ ގެއްލުވާލާނެ. ތަޖުރިބާ އެބަހުރި. މެޗުގެ އޮއިވަރާއި މާހައުލު އެނގިގެން އޭނާ ކުޅޭތީ އެންމެ މޮޅު މީހާ އަށް އޭނާ ވަނީ،" ޕާކިސްތާނުގެ ކެޕްޓަން ޝާހިދު އަފްރީދީ ބުންޏެވެ.
ނަމަވެސް މުރަލީދަރަން މި މެޗަށް ނުކުންނަނީ ވަރަށް ގިނަ ދުވަހު އަނިޔާގައި ހުރެފައި ކަމުން އޭނާގެ މިހާރުގެ ފެންވަރު މި މެޗުގައި ޓެސްޓު ކޮށްލެވޭނެ ކަމަށް ވެސް އަފްރީދީ ބުންޏެވެ.
މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި މުރަލީދަރަން އުކާފައެއްނުވެ އެވެ. އެއީ މެޑިކަލް ޓީމުގެ ލަފާގެ މަތިންނެވެ. ނަމަވެސް މިއަދުގެ މެޗަށް އޭނާ ނެރެނީ މުޅިން ފިޓްކަމަށް ކޯޗިން ޓީމަށް ފެނުމުންނެވެ.
އަފްރީދީ ބުނީ މި މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ޕާކިސްތާނުގެ ކުޅުންތެރިން އުކުމާއި ބެޓް ކުރުން ވެސް ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަހަރުމެންގެ އޯޕަނިން ބެޓްސްމަނުންނަށް ރަނގަޅަށް ހިފަހައްޓާލެވިއްޖެނަމަ ފޯމުގައި އެބަތިބި ފަހުން ކުޅެން ނުކުންނަ ކުޅުންތެރިން. ވިސްނައިގެން ކުޅެފިއްޔާ ކާމިޔާބު ވާނެ،" އަފްރީދީ ބުންޏެވެ.
ޕާކިސްތާނު ވަނީ އެންމެ ފަހުގެ ޓުވެންޓީ20 މުބާރާތުގައި ސްރީލަންކާ ބަލިކޮށް ތަށި ހޯދައިފަ އެވެ. އަދި އިންޑިޔާ އާއި ލަންކާ އަދި ބަނގްލަދޭޝް އާއި ޕާކިސްތާނުގައި ބާއްވަން ކުރިން ނިންމި ވޯލްޑް ކަޕް މެޗުތައް ޕާކިސްތާނުގައި ނުބާއްވަން ނިންމީ ވެސް ލަންކާގެ ސަބަބުންކަން ކުޅުންތެރިންގެ ސިކުޑީގައިވެ އެވެ. އެއީ މިދިޔަ އަހަރު ލަންކާ ޓީމު ޕާކިސްތާނަށް ދިއުމުން މޯޓަރު ބަޑިން ޓެރަރިސްޓުންގެ ބަޔަކު ހަމަލާދީ ލަންކާގެ ބައެއް ކުޅުންތެރިން ޒަހަމް ކޮށްލުމުންނެވެ. މިކަން ދެ ޓީމުން ވެސް ހަނދާން ކުރާއިރު އޭގެ ފަހުން ޕާކިސްތާނުގައި ބައިނަލް އަގްވާމީ އެއްވެސް މެޗެއް ނުކުޅެ އެވެ.
ލަންކާގެ ކެޕްޓަން ކުމާރު ސަގައްކަރަ ބުނީ އޭނާގެ ޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ ސަޕޯޓަރުންގެ ކުރިމަތީގައި ބަލިވެދާނެ ކަމުގެ ބިރުހީވެފައިވުން ކަމަށެވެ.
"ހިތް އަވަސްވެގެން ކުރެވޭ ނުކުރެވޭ އެއް ނޭނގިއްޔާ ބަލިވެދާނެ. ހަމަޖެހިގެން ވިސްނައިގެން ކުޅެން އެބަޖެހޭ،" އޭނާ ބުންޏެވެ.
ޕްރެމްދާސާ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ބަލަން 35000 ސަޕޯޓަރުން ވަންނާނެ އެވެ.