ބޮލީ ވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ރާބޮއިގެން އިނދެ ދުއްވި ކާރަކުން ޖެހި މީހަކު މަރުވި މައްސަލާގައި އޭނާގެ މައްޗަށް ފަސް އަހަރަށް ޖަލަށް ލުމަށް މުމްބާއީގެ ކޯޓުން ހުކުމްކޮށްފި އެވެ.

ސަލްމާން ހާންގެ މައްޗަށް ކުރާ ދައުވާ އަށް އޭނާ ގެންދިޔައީ ފެށުނީއްސުރެ އިންކާރު ކުރަމުންނެވެ. ސަލްމާން ބުނަމުން ގެންދަނީ އެ ހާދިސާ ހިނގިއިރު އެ ކާރު ދުއްވީ އޭނާގެ ޑްރައިވަރެވެ.

ނަމަވެސް ކޯޓުން މިއަދު ވަނީ ސަލްމާން ހާންގެ މައްޗަށް ކުރާ ހުރިިހާ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.

ސަލްމާންހާންގެ މައްޗަށް ހުކުމްކޮށްފައިވަނީ 2002 ވަނަ އަހަރު މުމްބާއީގެ މަގެއްގެ އަރިމަތީގައި ނިދާފައި ތިބި ބައެއްގެ ގައި މަތިން ސަލްމާން ހާން ރާ ބޮއިގެން ކާރު ދުއްވުމުގެ ސަބަބުން އެތަނުން ބައެއް މީހުންނަށް ބޮޑެތި އަނިޔާވެ، އޭގެ ތެރެއިން އެކަކު މަރުވި މައްސަލައިގެ ކުށް ސަލްމާންގެ މައްޗަށް މިއަދު ޝަރީއަތުގައި ސާބިތުވެގެންނެވެ.

ސަލްމާންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ލައިސަންސް ނެތި ކާރު ދުއްވި ކަމުގެ ކުށުގައި 500 އިންޑިއަން ރުޕީސް އިން ޖޫރިމަނާކޮށް، ދެ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ރާބޮއިގެން އިނދެ މަގުމަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ކާރު ދުއްވުމުގެ ސަބަބުން މީހަކު މަރުވި ހާދިސާއަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމުގައި ވިނަމަވެސް މީހަކު މެރުމާ އެއްފަދަ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ސަލްމާންހާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ހުކުމުގެ އިތުރުން 27،500 އިންޑިއަން ރުޕީސް ޖޫރިމަނާ ގޮތުގައި ކޯޓަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލާގައި ސަލްމާން ހާންގެ ޑްރައިވަރުގެ މައްޗަށް އެއްވެސް ހުކުމެއް އައިސްފައެއްނުވެ އެވެ.

މުމްބާއީ ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ސަލްމާންހާންގެ ދިފާއީ ވަކީލް ވަނީތިން އަހަރަށްވުރެ ދިގު ނޫން ހުކުމެއް އިއްވުމަށް އެދިފަ އެވެ. ތިން އަހަރަށްވުރެ ކުރު ހުކުމެއް އައި ނަމަ ސަލްމާން ހާން ކަފާލާތުގެ ދަށުން މިނިވަން ވުމަށް ދަށު ކޯޓުގައި މިއަދު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް މިހާރު އެ މައްސަލަ ހުށަހަޅަން ޖެހޭނީ މުމްބާއީގެ ހައިކޯޓަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސަލްމާން ހާނަށް ލިބިފައިވަނީ ތިން ދުވަހުގެ މުއްްދަތެވެ. މިމަހުގެ 10 ވަނަ ދުވަހު އެ ކޯޓު ރިސެސްއަކަށްދާނެ އެވެ. އެހެންމަވެސް ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެ ހިނދެއްގައި އެ މައްސަލަ ބެލޭނެ އެވެ.

އެ މައްސަލާގައި ހައިކޯޓުން ވަކިގޮތަކަށް ނިންމަންދެން ސަލްމާން ހާން ހުންނާނީ މުމްބާއސެންޓްރަލް ޖަލެއް ކަމުގައިވާ އާރްތޫރުު ރޯޑް ޖަލުގަ އެވެ.

ސަލްމާން އަކީ މިހާތަނަށް ބޮލީ ވުޑްގައި ސުޕާހިޓް އެތައް ފިލްމެއް ކުޅެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ތަރި އެކެވެ. އޭނާ ސުޕާހިޓް ފިލްމްތަކުގެ ތެރޭގައި ބޮޑީގާޑް، ދަބަންގް، ރެޑީ، އެކްތާ ޓައިގާ، ހަމް އާޕްކޭ ހޭ ކޯން، މެއިނޭ ޕީރުކިޔާ ފަދަ ފިލްމްތައް ހިމެނެ އެވެ. އަދި މިހާރު ވެސް އޭނާ ގެންދަނީ ބޮޑު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.