ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ސިންގަޕޫރު ލަޔަންސް ބައްދަލު ކުރި މެޗްގައި ލަޔަންސް ޓީމްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރި މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިއުގެ ޑިފެންޑާ މުޙައްމަދު ރަޝީދު (ހޮކޭ) އަށް ދީފައި ވަނީ ޙައްޤު އަދަބު ކަމަށް އެފްއޭއެމްގެ އެޕީލް ކޮމިޓީއިން ނިންމައިފިއެވެ.

އެފްއޭއެމްގެ އެޕީލް ކޮމިޓީއިން އެގޮތަށް ނިންމާފައި ވަނީ، ޑިސިޕްލިނަރީ ކޮމިޓީއިން ހޮކޭއާ މެދު އަޅާފައިވާ ފިޔަވަޅާމެދު ސުވާލު އުފެދޭ ކަމަށް ބުނެ ނިއުއިން އެ މަސައްލަ އިސްތިއުނާފު ކުރުމަށް އެދި އެޕީލްކޮމިޓީއަށް ހުށަހެޅުމުންނެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ ކަރަށް ފައިއެރި ކުޅުންތެރިޔާ އިންޖަރީވެފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

"އެ މައްސަލަ އިސްތިއުނާފް ކޮމިޓީއިން ބެއްލެވުމަށްފަހު މި މައްސލައިގައި "އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ކަނޑައަޅާފައި ވަނީ އެއީ ޙައްޤު އަދަބު ކަމާއި މިއަދަބަށް ލުޔެއް ދެވެން ނެތް ކަމަށް އިސްތިއުނާފް ކޮމިޓީން ނިންމާފައިވާ ކަމަށް،" އެފްއޭއެމް އިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އެފްއޭއެމްގެ ޑިސްޕްލިނަރީ ކޮމިޓީގެ އިއްތިފާގުން ހޮކޭގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ހަ މެޗަށް ސަސްޕެންޑް ކުރުމާއި 15،000 ރުފިޔާ ޖޫރިމަނާއެކެވެ.

ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ އޭނާ އަށް އަންގާފަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީ އިން ހޮކޭއާ މެދު ފިޔަވަޅު އަޅާފައި ވަނީ މެޗް ކޮމިޝަނަރުގެ ރިޕޯޓާއި އެ ހާދިސާގެ ވީޑިއޯ އާއި ރެފްރީ ކޮމިޓީ އަށް ދީފައިވާ ބަޔާންތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެފްއޭއެމްއިން ބުނެފައިވެ އެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ އަތުން ބޯޅަ ހޯދުމަށް ލަޔަންސްގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހޮކޭއާ މެދު އަޅާފައިވާ ފިޔަވަޅާ މެދު ސުވާލު އުފެދޭކަމަށް ނިއުއިން ބުނެފައި ވަނީ ޖަނަވަރީ މަހު 24 ވަނަ ދުވަހު ކުޅެފައިވާ މެޗުގައި ހިނގައި ދިޔަ މައްސަލަ ބެލުމަށް ތިން މަސް ހޭދަވެފައި ވާތީ އާއި ހޮކޭގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ސީޒަން ހުޅުވާ މެޗާއި ލީގުގައި ވެސް މެޗް ކުޅުނު ފަހުން ކަމަށްވެފައި އަދި ލީގަށް ކުޅުންތެރިން ރެޖިސްޓްރީކުރުމުގެ މުއްދަތު ފަހަނަޅައި ގޮސްފައިވަނިކޮށް، މި ސަސްޕެންޝަން އައުމުން ނިއުއާ މެދު ބޭއިންސާފުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ޓީމުން އިން ދެކޭތީކަމަށް ނިއުއިން ވަނީ ބުނެފައެވެ.

ރ. އަލިފުއްޓަށް އުފަން ހޮކޭ ކެރިއާ ފެށީ ވިކްޓްރީއިންނެވެ. އެއަށްފަހު ވެލެންސިއާއި މާޒިޔާ އަށް ކުޅުމަށް ފަހު އޭނާ ނިއުއަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.