ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށްފަހު ނިންމާލެއްވުމަށްފަހު ރައީސް ޔާމީން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ވަޒީރުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެ ޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީން ޕާކިސްތާނަށް މިއަދު ވަޑައިގަންނަވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާފައި އެވެ.