މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ރޭ ވެސް މީހަކު ވަނީ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައިވަނީ 22 އަހަރު، ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.

ފުލުސް މީހާއަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލަ އެވެ. އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާގެ އިތުރުން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަން އާއި މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48ގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 އެވެ.