ރިޔާޒް (މޭ 6): އީރާނަށް އިޝާރާތް ކުރައްވައި އެގައުމުގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި އާދަޔާ ޚިލާފަށް އިތުރުވެ އެގައުމުގެ ދަހިވެތިކަން ވެސް ބޮޑުވަމުން ދާކަމަށް ވިދާޅުވެ ކަންބޮޑުވެ ވަޑައިގެން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވާހަކަފުޅުދައްކަވައިފި އެވެ.

ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި ގަލްފުގެ އަރަބި ގައުމުތަކުގެ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި އީރާނަށް އިޝާރާތް ކުރައްވައި ސައޫދީ ރަސްގެފާނު ވިދާޅުވީ، މެދުއިރުމަތީގައި ވަކިގައުމެއްގެ ބާރާއި ނުފޫޒު ގަދަވުމުން މަޛްހަބީ ފިތުނަ ބޮޑުވެ ހަމަޖެހުން ގެއްލެމުންދާތީ އެކަމާދެކޮޅަށް ތެދުވާންޖެހޭ ކަމުގައެވެ.

ސައޫދީ ރަސްގެފާނު މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގެ ހޫޘީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އަސްކަރީ ޙަމަލާތައް ޔަމަނަށްދިނުން ހުއްޓާލުމަށް އެމެރިކާއިން ސައޫދީ ސަރުކާރަށް ބާރުއަޅަމުންގެންދާ ދަނޑިވަޅެއްގައިވެސް މެއެވެ.

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތް އެހެން ގައުމުތަކަށް ފުޅާވެގެން ދާތީއާއި އަދި ޔަމަންގެ ހޫޘީންނާ ދެކޮޅަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން އެމެރިކާ ކަންބޮޑުވެފައިވާއިރު އެމެރިކާ އީރާނާ ގާތްވަމުންދާތީ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތައްވެސް އިންތިހާއަށް ކަންބޮޑުވެއެވެ.

މިސަމިޓްގައި އީރާނުގެ ބާރާއި ނުފޫޒު އިރާގާއި ސޫރިޔާގެ އިތުރުން ލުބްނާނާ އަދި ޔަމަނުގައި އިތުރުވަމުންދާ ކަމަށް ވިދާޅުވެ އެކަމާދެކޮޅަށް ތެދުވުމަށް ސައޫދީ ރަސްގެފާނު ގޮވާލެއްވި ނަމަވެސް އީރާނުގެ ނަން ސީދާ ގޮތެއްގައި ވިދާޅުވެފައެއްނުވެއެވެ. އީރާނާމެދު ސައޫދީންގެ ކަންބޮޑުވުން ހާމަކުރަމުން މިގެންދަނީ އެމެރިކާއާއި އީރާންގެ ގުޅުންތައް ރަނގަޅުވެ އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލުވުމާއެކު އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމުގެ އިޙްސާސްތައް ސަޢޫދީ ވެރިންނަށް ކުރެއްވިގެންނެވެ. މިފަދަ ޙާލަތެއްގައި ގަލްފުގެ ސަރަހައްދުގައި އެމެރިކާ ބަރޯސާވާ މައިގަނޑު ގައުމަކަށް ސައޫދީ އަރަބިޔާގެ ބަދަލުގައި އީރާން ހަދާނެ ކަމުގެ ބިރު ސައޫދީ ވެރިންގެ އިތުރުން ޔޫއޭއީ އާއި ކުވައިތާއި ގަތަރުފަދަ ގަލްފުގެ ކުދި އަރަބި ގައުމުތަކުގެ ވެރިންވެސް އިޙްސާސް ކުރައްވަމުން ގެންދަވައެވެ.

މިހެންވެއްޖެނަމަ މުޅި ސަރަހައްދުގައި އީރާނުގެ ބާރާއި ނުފޫޒު މިހާރަށްވުރެ ވަރުގަދަވެ ގަލްފުގެ ގައުމުތަކުގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން އެގައުމުތަކުގެ ވެރިން ދެކެވަޑައިގަންނަވައެވެ. އީރާނަކީ އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ނިއުކްލިއަ ޓެކްނޮލޮޖީ ތަރައްގީކޮށް ހަތިޔާރުގެ އިންޑަސްޓްރީ އެއް އުފައްދައި ސެޓަލައިޓް ޖައްވަށް ފޮނުވައި އަމިއްލަ ސިނާއަތާއި ޓެކްނޮލޮޖީއާއި ސައެންޓިފިކް ރީސާޗް ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ގައުމެކެވެ.

އީރާނާ ސުލްހައިގެ ވާހަކަދައްކަން އެމެރިކާއަށް މަޖްބޫރުވީ ވެސް ބާރުގެ ބޭނުންކޮށްގެން އީރާން ބަލިނުކުރެވޭނެކަން ޔަގީންވުމުން ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެމެރިކާގެ ފިއްތުންތަކުން އީރާން ސަލާމަތް ވެއްޖެނަމަ އަތްނުފޯރާ ފަށަށް އީރާނުގެ އަސްކަރީ އަދި އިގްތިސާދީ ބާރު ހިނގައިދާނެ ކަމުގެ ބިރު އެމެރިކާއާއި ހުޅަނގަށް ބަރޯސާ ވުމުގެ ސިޔާސަތެއް ގެންގުޅޭ ގަލްފުގެ އަރަބި ގައުމުތައް އިޙްސާސް ކުރެއެވެ.

ރިޔާޒްގައި އިއްޔެ ބޭއްވި ގަލްފުގެ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ޝަރަފުވެރި މެހްމާނެއްގެ ގޮތުން ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ބައިވެރިވެ ވަޑައިގެންނެވި އެވެ. ފަރަންސޭސިވިލާތަކީ ގަލްފުގެ އަރަބި ގައުމުތަކަށް ހަތިޔާރު ވިއްކައިގެންނާއި އަސްކަރީ ކޮންޓްރެކްޓްތައް ހަދައިގެން ބިލިޔަން ޑޮލަރުގެ ފައިދާ ހޯދަމުން ގެންދާ ގައުމެކެވެ. އަދި އެމެރިކާ އާއި އީރާން ގާތްވަމުންދާއިރު އެކަމުގެ ފައިދާ ގަލްފުގެ ގައުމުތަކުން ނެގޭނެ ގޮތެއް ހޯދުމުގެ މަގްސަދުގައި ފަރަންސޭސިވިލާތުން އީރާނާ ދެކޮޅަށް ހަރުކަށި ކަން ކުރިޔަށް ނެރޭތަން ފެންނަކަމަށް މުރާސިލުން ބުނެއެވެ.

ގަލްފުގެ އަރަބި ލީޑަރުންގެ ސަމިޓްގައި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ބައިވެރިވެވަޑައިގަތުމުގެ ބޭނުމަކީވެސް އެމެރިކާ އާއި އީރާން ގާތްވަމުންދާއިރު އެކަމުގެ ފައިދާ ގަލްފުގެ ގައުމުތަކުން ނެގޭނެ ގޮތެއް ހޯދުން ކަމަށް ބެލެވޭއިރު އޮލާންދް ވަނީ އޭނާގެ ގައުމުވަނީ އީރާނުގެ ފަޅީގައި ނޫންކަމާއި ސައޫދީންގެ ފަޅީގައި ކަމަށް ވިދާޅުވެ ގަލްފުގެ އިސްވެރިންގެ ސަމިޓްގައި ވާހަކަ ދައްކަވާފައެވެ.

ފަރަންސޭސިވިލާތުން މިދިޔަ އާދީއްތަ ދުވަހުވަނީ އެގައުމުގައި އުފައްދާ ރަފޭލް މަރުކާގެ 24 ފައިޓަރ ޖެޓް ވިއްކުމުގެ 7 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. (ނޫސްއެޖެންސީތައް)