06 May 2015, 09:39
ވޮޝިންޓަން (މޭ 6): އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައި ހުންނެވި ޖެނެރަލް މާޓިން ޑިމްޕްސީ ގެ ބަދަލުގައި ރައީސް ބަރަކް އޮބާމާ، އެމަގާމަށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ ޖޯޒެފް ޑުންފޯޑް އިޚްތިޔާރު ކުރައްވައިފި އެވެ.
ޑުންފޯޑަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޚިދްމަތުގައި ގިނަ ތަޖްރިބާތަކެއް ހާސިލްކުރައްވާފައިވާ އަދި އެމެރިކާ ސިފައިންގެ އެކި ރޭންކް ތަކުގައި ދިގު މުއްދަތެއް ހާސިލް ކުރައްވާފައިވާ ޖެނެރަލެކެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކަމުގެ މަގާމަކީ ޓެކްނިކަލް ގޮތުން އެމެރިކާ ސިފައިންގެ އެންމެ އިސް އަދި އެންމެ މަތީ މަގާމެވެ.
ދެވަނައަށް އިސް މަގާމަކީ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ނައިބު ކަމުގެ މަގާމެވެ. މިއީ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ އެހީތެރިޔާގެ މަގާމެވެ. މިމަގާމަށް އޮބާމާ އިޚްތިޔާރު ކުރެއްވީ އެމެރިކާގެ ވައިގެ ސިފައިންގެ ޖެނެރަލެއް ކަމަށްވާ ޕޯލް ސިލްވާ އެވެ.
މި ދެމަގާމަށް އެ ދެބޭފުޅުން އިޚްތިޔާރު ކުރެއްވުމަށްފަހު އޮބާމާ ވިދާޅުވީ، އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ ސްޓްރެޓީޖިކް އެންމެ ބޮޑު ގޮންޖެހުންތަކަކީ މެދުއިރުމަތީގައި އައިއެސް ޖަމާއަތް ފެތުރެމުންދާ ދިޔުން ހުއްޓުވުމާއި އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރުން ކަމުގައެވެ. މީގެއިތުރުން އިލެކްޓްރޯނިކް ދިފާޢީ ވަސީލަތް އިތުރަށް ތަރައްގީކުރުމަކީވެސް އެމެރިކާއަށް ކުރިމަތިވެފައިވާ ދިފާޢީ ގޮންޖެހުމެއްކަމަށް އޮބާމާ ސިފަކުރެއްވި އެވެ.
އިލެކްޓްރޯނިކް ދިފާޢީ ވަސީލަތް ތަރައްގީ ކުރުމުގައި އެމެރިކާ ސިފައިންގެ ލަޝްކަރުތައް ފަހަތުގައި އުޅޭކަމަށް މިކަމާބެހޭގޮތުން ކޮށްފައިވާ އޮޑިޓަކުން ވަނީ ހާމަވެފައެވެ.
މިދެބޭފުޅުންވެސް ރަސްމީގޮތުން މަގާމާ ޙަވާލުވެ ވަޑައިގަންނަވާނީ ސެނެޓުން ރުހުން ދިނުމުންނެވެ. (ރޮއިޓާސް)