އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. އަހުމަދު ޒިޔާދު ބާގިރު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް އިސްލާމިކް މިނިސްޓަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.

ޒިޔާދު މަގާމުގެ ހުވާކުރެއްވުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.

ދީނީ އިލްމު އުގެނިވަޑައިގެން ހުންނެވި ޒިޔާދު މީގެ ކުރިން ހުންނެވީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށެވެ.

އިސްލާމިކް މިނިސްޓަރުގެ މަގާމް ހުސްވެފައި ވަނީ އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން އަންގައިފައި ވަނިކޮށެވެ.