ފުލުސް އޮފީހަށް ހާޒިރުކުރީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މިރޭ 9:00 އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިހާރު ކިނބިދޫ ދާއިރާގެ މަޖިލީސް މެމްބަރުކަން ކުރައްވާ ރިޔާޒު ވިދާޅުވީ، ތަހުގީގު ޓީމުން ފުރަތަމަ ކުރި ސުވާލަކީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ބޭނުންވާނެ މައުލޫމާތެއް އެބަހުރިތޯ ކަމަށެވެ.

އޭގެޖަވާބުގައި ކޮމިޝަނަރު ކަމުގައި ހުންނެވި އިރު ލިބުނު މައުލޫމާތުތައް ފިޔަވައި އިތުރު މައުލޫމާތެއް ނެތް ކަމަށް ދަންނަވާފައިވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ފުލުސް އޮފީހުން ނުކުމެވަޑައިގަންނަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑު އެއަށް ދަންނަވާފަ އޮންނާނީ އަޅުގަނޑަށް އޭރު ލިބިފައި ހުރި މައުލޫމާތެއް ވެއްޖެއްޔާ ފުލުހުންގެ ތެރޭގައި ހުންނާނޭ. އަޅުގަނޑަކީ ވަކިން މައުލޫމާތު ހިފައިގެން ގެންގުޅޭ މީހެއް ނޫނޭ. ފުލުހުންގެ މުއައްސަސާތެރޭގައި ހުރި މައުލޫމާތެކޭ ހުންނާނީ. ދެން އެކަމަކާ ބެހޭގޮތުން އިތުރު ބަޔާނެއް ނެތް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަނަރު ކަމުގެ މަގާމުގައި ހުރެ ލިބުނު މައުލޫމާތެއް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ހިއްސާކުރި ކަމަށް ތުހުމަތުކޮށް ވެސް ތަހުގީގު ޓީމުން ސުވާލު ކުރި ކަމަށެވެ. އަދި އޭގެޖަވާބުގައި އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް ދެންނެވި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މަގާމުގައި ހުރެގެން އަޅުގަނޑަށް ލިބުނު ކޮން މައުލޫމާތެއްކަން އެބޭފުޅުންނަށް ސްޕެސިފިކްކޮށް ސާފުކޮށެއް ނުދެވުނު. އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެވާހަކަތައް ދެއްކި ދުވަހު ފުރަތަމަ ކަމަކަށްވެސް ބުނެފަ އޮންނާނެ މަގާމުގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ޕަބްލިކަށް ހާމަނުކުރެވޭނޭ. ޝަރީއަތުގައި ވެސް ހިނގަމުންދާ މައްސަލައެކޭ. އެހެންކަމުން އެކަންކަން އަޅުގަނޑަށް ހިއްސާ ނުކުރެވޭނޭ،" ރިޔާޒު ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ މައުލޫމާތުތައް ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށް ރާއްޖެ ޓީވީގައި ވިދާޅުވެފައި ވަނީ ޝަރީއަތުގެ މަޖިލީހެއްގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއެއްގައި ކުރާ ސުވާލަކަށް ޖަވާބުދޭ ވާހަކަ ކަމަށް ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރިޔާޒު ވިދާޅުވި އެވެ.

އޭނާއާ މެދު އެއްވެސް ތުހުމަތެއް ފުލުހުން ކުރާނަމަ އެކަމަކާ ގުޅިގެން ހަނުހުރުމުގެ ބަޔާނެއް ދިނުމަށް ތައްޔާރަށް ހުރި ކަމަށް ތަހުގީގު ޓީމުގައި ދެންނެވި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް ތަހުގީގު ޓީމުން އެއްވެސް ބަޔާނެއް ނުނަގާ ކަމަށާއި ފަހަރެއްގައި ފަހުން އަދި ފުލުސް އޮފީހަށް ހާޒިރުވާން އަންގާނެ ކަމަށް ވިދާޅުވެ މިރެއަށް ނިންމާލީ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެއްވެސް ބަޔާނެއް ނުނަންގަވާ ވާހަކަދައްކާލާފަ މިރެއަށް މިނިމުނީ ދެން ފަހަރެއްގަ ފަހުން އަންގަފާނެ ކަމަށް ވިދާޅުވީ،" ރިޔާޒު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރާއްޖެ ޓީވީގައި ރޯކޮށްލި ހާދިސާ ހިނގީ އޭނާ ކޮމިޝަނަރު ކަމުގައި ހުންނަވަނިކޮށް ކަމަށާއި އެ ދެ މައްސަލަ ތަހުގީގުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭގޮތުން މިހާތަނަށް ހާމަކޮށްފައިވާ ވަރަށްވުރެ ތަފްސީލީ މައުލޫމާތު ހާމަކޮށް ފުލުހުންގެ މުއައްސަސާގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ހޯދަން އެބަޖެހޭ ކަމަށެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މި މައްސަލަތައް މިހާރު ގޮސްފައި އޮތް ހިސާބު އަދި ރިޟުވާން ގެއްލިގެން އުޅޭ މައްސަލަވެސް، މި މައްސަލަތައް މިއަދު އެބަޖެހޭ މިއަށްވުރެ ބޮޑަށް ހާމަކުރަން. މިހާ ހިސާބަށް ތަހުގީގު ގޮސްފައިވާ ހިސާބުތައް ކިޔައިދޭންޖެހޭނެ. ކިޔައިދީގެން އެ މުއައްސަސާގެ [ފުލުހުންގެ މުއައްސަސާ] އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ހޯދުމަށް ހަމަ މިހާރުވެސް މަސައްކަތް ކުރަންޖެހޭ. މިހާރު ލިބިފައި ހުރި މައުލޫމާތުތައް ވެސް ހިއްސާކުރައްވަންޖެހޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން އުވާލައިފިކަން ޕީޕީއެމް އިން އިއުލާންކޮށްފައިވާ ކަމަށާއި އަދި ޖުމްހޫރީ ޕާޓީން ވެސް އެގޮތަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީ އަކީ މިހާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އިދިކޮޅު ޕާޓީގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

"އެހެންވީމަ އޮޕޮޒިޝަންގަ އޮންނައިރު އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރު ޒިންމާދާރުކުރުވުން. ސަރުކާރުގެ އެއްވެސް އިންސްޓިޓިއުޝަނެއް ގާނޫނާ ގަވާއިދާ ޚިލާފަށް، ހެދިފަ އޮންނަ އުސޫލުތަކާ ޚިލާފަށް ހިނގާކަމަށް ވަންޏާ އެވާހަކަ ދައްކާނަން. އެވާހަކަ ދެއްކުމަށްޓަކައި އަޅުގަނޑުމެން މަޖިލީހަށް ފޮނުވާފަ މިތިބީ ރައްޔިތުން އިންތިޚާބުކޮށްފަ،" ރިޔާޒު ވިދާޅުވި އެވެ.