06 May 2015, 09:59
އަހަރީ ހިސާބުތައް އޭޕްރީލް މަހުގެ 30 ގެ ކުރިން ޕަބްލިޝްނުކުރުމުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) 30،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިއްޔެ ނެރުނު އިންވެސްޓާ އެލާޓްގައި ވަނީ އެ ދެ ކުންފުންޏަށް ވެސް މެއި މަހުގެ 15 ގެ ކުރިން ހިސާބުތައް ޕަބްލިޝްކުުރުމަށް އަންގާފައި ވާކަމަށެވެ.
އެމްޓީޑީސީގެ އޮފިޝަލަކު 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލީ ހިސާބުތައް މިހަފުތާތެރޭ ޕަބްލިޝް ކުރާނެ ކަމަށެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި އެމްޓީޑީސީގެ ހިސާބުތައް ނިންމުން ލަސްވީ އެ ކުންފުނިން ރަޝިއާ ކުންފުންޏަކަށް ކުއްޔަށްދީފައިވާ ރަށަކުން ލިބެންޖެހޭ ފައިސާގެ މުއާމަލާތެއް ނުނިމިގެންނެވެ.
އެޗްޑީއެފްސީގެ ހިސާބުތައް އެޕްރިލް 30 ގެ ކުރިން އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވީނަމަވެސް އެ ހިސާބުތަކުގައި ސޮއިކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ރަސްމީ ހިސާބުތަކެއް ކަމުގައި ބެލެވެން ނެތް ކަަމަށް ސީއެމްޑީއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެޗްޑީއެފްސީން ސަން އާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ރިޕޯޓްގައި ސޮއިކުުރުމަށް ފަހު މިހާރު ހިސާބުތައް ޕަބްލިޝްކޮށްފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ އެކި ގައުމުތަކުގައި ތިއްބަވާ ބޭފުުޅުންނަށް ވާތީ ބޯޑު މީޓިންއެއް ބޭއްވުމުގައި ދަތިތަކެއް ދިމާވީ ކަމަށް އެޗްޑީއެފްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހިސާބުތައް އާންމުކުރަންޖެހޭ މުއްދަތުގެ ތެރޭގައި އެސްޓިއޯ އިން ވެސް ހިސާބު އާންމެއް ނުކުރެއެވެ. އެހެންނަމަވެސް މި ހިސާބުތައް ނުނިމި ލަސްވާ ސަބަބަށް ބެލުމަށް ފަހު އެސްޓިއޯ އަށް ވަނީ 15 މެއިގެ ކުރިން ހިސާބުތައް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.
އެސްޓިއޯގެ ހިސާބުތައް ލަސްވީ އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ ހިސާބުތައް ނުނިމިގެން ކަމަށް 'ސަން' އަށް ވަނީ މައުލޫމާތު ލިބިފައެވެ.