ގައްޒާފީ ވައްޓާލަން މަސައްކަތްކުރާ މީހުންނަށް ހަމަލާ ދިނުމަށް އޭނާ ގެންގުޅުއްވާ އެފްރިކާގެ ކުލީސިފައިން
ޓްރިޕޮލީ : ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ބައެއް ސަރަޙައްދުތައް ޤައްޒާފީގެ ބާރުތަކުގެ ކޮންޓްރޯލުން ބޭރުވެ މުޒާހަރާކުރާ މީހުންގެ އަތްދަށަށް ހިނގައްޖެ ކަމަށް ލިބިޔާގެ ބައެއް ފަރާތްތަކާ ހަވާލާދީ ރޮއިޓާސް ބުނެފިއެވެ.

މިފަރާތްތަކުން ބުނިގޮތުގައި ގައްޒާފީގެ ފުރިހަމަ ކޮންޓްރޯލް މިހާރުއޮތީ ޓްރިޕޮލިގެ މެދުތެރެއާއި ގައްޒާފީ ދިރިއުޅުއްވާ ބާބުލްޢަޒީޒިއްޔާ މިލިޓްރީ ކޭންޕްގެ ވަށައިގެންވާ ސަރަޙައްދުތަކާއި ޓްރިޕޮލީގެ ދެކުނުގެ އަވަށްތަކުގައެވެ.

ގައްޒާފީ އިއްޔެވަނީ ޓްރިޕޮލީގެ އެންމެ ބޮޑު މައިދާން ކަމަށްވާ ސާހަތުލްޚަޟްރާ (ގްރީން ސްކެއަރ)ގެ ކައިރީގައިވާ ޢިމާރާތެއްގެ މަތީގައި ހުންނަވައިގެން އޭނާއަށް ތާއީދުކުރާ ފަރާތްތަކާ މުޚާތަބު ކުރައްވައި ޚިތާބެއް ދެއްވާފައެވެ. ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކު ދެއްވި މިޚިތާބުގައި ގައްޒާފީ ވިދާޅުވީ އޭނާއަށް ލީބިޔާ ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށާއި އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރަނީ ޑްރަގްގެ އަވާގައާއި އުސާމާބިންލާދިންގެ އަވާގައި ޖެިހިފައި ތިބި ކުށްވެރިންގެ މަދުބައެއް ކަމުގައެވެ.

މިފަރާތްތަކުގެ ދުވަސް ދުއްވާލުމަށްޓަކައި އޭނާއަށް ތާއީދުކުރާ ޢާންމުންނަށް ހަތިޔާރު ގުދަންތައް ހުޅުވާލާނެ ކަމަށްވެސް ގައްޒާފީ ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތައް ބުނާގޮތުގައި މިއީ ލީބިޔާގެ ރައްޔިތުންގެ މެދުގައި އަހްލީ ހަނގުރާމައެއް އުފެއްދުމަށް ގައްޒާފީ ރާވަމުންދާ ރޭވުމުގެ ބައެކެވެ.

ގައްޒާފީގެ ބާރުތަކުން، ޓްރިޕޮލީގެ ޖަންޒޫރު އަވަށުގައި އިއްޔެ މުޒާހަރާކުރި ބަޔަކަށް ބަޑިންދިން ހަމަލާތަކެއްގައި 6 މީހަކުމަރުވެ އެތަށް ބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ލީބިޔާގެ ޓީވީންވަނީ މިކަން ދޮގުކޮށްފައެވެ.

ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އިއްޔެ ވިދާޅުވިގޮތުގައި ގައްޒާފީގެ ވެރިކަމަށް އެއްވެސް ނުރައްކަލެއް އަދި ބިރެއްނެތެވެ. އަދި ގައްޒާފީވެސް ޢާއިލާގެ އެހެން މެންބަރަކުވެސް ޤައުމުން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށާއި ގައްޒާފީގެ ބާރުތަކުން ލިބިޔާގެ ތެޔޮވަޅުތަކުގައި ހުޅުޖަހާނެ ކަމަށްބުނެ ބަޔަކު ފަތުރަމުން ގެންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށާ މިބާވަތުގެ ކަމެއް ގައްޒާފީ ނުކުރައްވާނެ ކަމަށް ސައިފުލްއިސްލާމް ވިދާޅުވިއެވެ. -- ބީބީސީ