ގައުމީ މަޒުމޫނާއި ވާހަކަ ލިޔުމުގެ މުބާރާތަށް، ގޭގައި ލިޔެގެން ލިޔުންތަށް ހުށަހަޅާގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު މިފަހަރުގެ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު ދަށަށް ގޮސްފިއެވެ.

ދިވެހިބަހުގެ އެކަޑެމީން ސަން އަށް ހިއްސާކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު ގައުމީ މުބާރާތަށް ހުށަހެޅުންތައް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު މިއަހަރު އެ މުބާރާތަށް ހުށަހަޅައިފައިވަނީ 201 ކުރު ވާހަކައެވެ. މިދިޔަ އަހަރުގެ މުބާރާތަށް 269 ކުރުވާހަކަ ހުށަހެޅި އެވެ. އަދި މިފަހަރުގެ މުބާރާތަށް 246 މަޒުމޫނު ހުށަހަޅައިފައިވާއިރު މިދިޔަ އަހަރު ވަނީ އެމުބާރާތަށް 382 މަޒުމޫނު ހުށަހަޅައިފައެވެ.

ތަފްސީލަކަށް ބަލާއިރު ސްކޫލް ކުދީންގެ ބައިން 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުން 135 ދަރިވަރުން ކުރުވާހަކަ ހުށަޙަޅައިފައިވާއިރު 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން ވަނީ 49 ކުރުވާހަކަ ހުށަހަޅައިފައެވެ. އަމިއްލަ ގޮތުން ބައިވެރިވި ފަރާތްތަކަށް ބަލާއިރު 18 އަހަރުން ދަށުން ފަސް ކުރު ވާހަކަ ހުށަހަޅައިފައިވާއިރު 18 އަހަރު މަތީގެ ބައިން ވަނީ 12 ކުރު ވާހަކަ ހުށަހަޅައިފައެވެ.

މަޒުމޫނަށް ބަލާއިރު ސުކޫލުތަކުގެ ބައިން 13 އަހަރުން ދަށުން 83 ދަރިވަރުން މަޒުމޫން ހުށަހަޅައިފައިވާއިރު 13 އަހަރާއި 16 އަހަރާއި ދެމެދުން 126 މަޒުމޫނެއް ހުށަހަޅައިފައިވާއިރު 16 އަހަރާއި 21 އަހަރުގެ ބައިން ވަނީ 26 މަޒުމޫނެއް ހުށަހަޅައިފައެވެ. އަމިއްލަ ބަޔަށް ބަލާއިރު 18 އަހަރުގެ ދަށުގެ ބައިން ހަ މަޒުމޫނެއް ހުށަހަޅައިފައިވާއިރު 18 އަހަރުން މަތީގެ ބައިން ވަނީ ފަސް މަޒުމޫނެއް ހުށަހަޅައިފައެވެ.

ބަހުގެ އެކަޑެމީން މައުލޫމާތު ދޭގޮތުގައި އެގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިއަހަރުގެ ފަހުކޮޅުގައެވެ.

މިއަހަރަށް ގައުމީ މުބާރާތް އިއުލާން ކޮށްފައިވާއިރު އެހެން އަހަރުތަކާއި ހިލާފަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. މީގެ ކުރިން އެ މުބާރާތުގައި ވާހަކަ އާއި މަޒުމޫން ލިޔަނީ އިމްތިހާން ހޯލެއްގައެވެ. ނަމަވެސް މިފަހަރު މުބާރާތުގެ ގަވައިދު ހަދާފައިވާ ގޮތުން މުބާރާތަށް ހުށަހަޅާ ލިޔުންތަކަކީ ގޭގައި ލިޔެގެން ހުށަހަޅަން ޖެހޭ ލިޔުންތަކަކަށް ވަނީ ހަމަޖައްސާފައެވެ.

އެ ބަދަލަކީ ލިޔުންތެރިކަމަށް ހީނަރުކަމެއް އައިސް މޮޅެތި ލިޔުންތެރީން އުފެއްދުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި ގޭގައި ލިޔެގެން ހުށަހަޅާގޮތަށް އޮތުމުން މީހުން ލައްވައި ލިޔެގެން މުބާރާތަށް ހުށަހަޅާނެ ކަމަށް ބުނެ އެތައް ފާޑުކިޔުމެއް ވަނީ ރައްދުކޮށްފައެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވި ގޮތުގައި ލިޔެފައި ހުށަހަޅާ ގޮތަށް ބަދަލު ގެނައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިޔަން ބޭނުންވާ ކުދިން ތިބުމާއެކު ކޮންމެ ކުއްޖަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ. އެގޮތަށް މުބާރާތް އޮތުމުން ފެންވަރު ރަނގަޅު މަޒުމޫނު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އަޝްރަފް ކުރިން ވިދާޅުވި އެވެ. އެހެންކަމުން އެހެން މީހެއް ލައްވައި ލިޔެގެން މުބާރާތަށް ހުށަހަޅާނެކަމަށް ގަބޫލް ނުކުރައްވާކަމަށް އަޝްރަފް ވިދާޅުވި އެވެ.