ޓްރިޕޮލީ : ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރ އަމިއްލައަށް މަރުވިގޮތަށް ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ވެސް އަމިއްލައަށް މަރުވާނެ ކަމަށް، މީގެ ދެތިންދުވަސްކުރިން މަޤާމުން އިސްތިއުފާދެއްވި ލީބިޔާގެ ޖަސްޓިސް މިނިސްޓަރ މުސްތަފާ އަބްދުލްޖަލީލު ވިދާޅުވެއްޖެއެވެ.

ސްވިޑްންގެ "އެކްސްޕާރސަން" ދުވަހު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުލްޖަލީލު ވިދާޅުވީ ލީބިޔާ ރައްޔިތުންގެ ނުރުހުމުގައި މަޤާމުގައި ދެމިހުންނެވުމަށް ގައްޒާފީ ކުރައްވަނީ ކާމިޔާބު ނުވާނެ ހަނގުރާމައެއް ކަމުގައެވެ. މިހަނގުރާމަ ނާކާމިޔާބުވެ ރައްޔިތުންގެ އަތްދަށުގައި ގައްޒާފީ ހައްޔަރުވާ ހިސާބަށް ކަންތައްތައް ދިޔުމުން އޭނާ އަމިއްލައަށް މަރުވާނެކަން ޔަގީންވާ ކަމަށް ޢަބްދުލްޖަލީލު ވިދާޅުވިއެވެ.

ލިބިޔާގެ ޖަސްޓިސް މިނިސްޓަރ ކަމުގެ މަޤާމުން ޢަބްދުލްޖަލީލު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާދެއްވީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރާ ރައްޔިތުންނާ ދެކޮޅަށް ކުލީ ސިފައިން ބޭނުންކުރައްވައިގެން ބަރުހަތިޔާރުން ޙަމަލާދީ ގައްޒާފީ ހިންގަވާ ގަތްލު ޢާންމުތަކަށް ކެތްނުކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުލްޖަލީލުގެ އިތުރުން ލީބިޔާގެ އެތެރެއާއި ބޭރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް އެތަށް މަސްއޫލުވެރިއަކާއި ލީބިޔާ ސިފައިންގެ އެތަށް ހާސްބަޔަކުވެސް ވަނީ ގައްޒާފީގެ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން މަޤާމުން އިސްތިއުފާދެއްވައި ރައްޔިތުންގެ ކޮޅަށް ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން ގައްޒާފީގެ ވެރިކަމުގެ ނިޒާމުގެ ޢަސްކަރީ އަދި ސިޔާސީ އޮނިގަނޑު ރޫޅި ލީބިޔާގެ ގިނަރައްތަކުގެ ކޮންޓްރޯލް ގައްޒާފީގެ ސަރުކާރަށް ގެއްލި އޭނާވަނީ ޓްރިޕޮލީގައި ހުންނަ ބާބުލްޢަޒީޒިއްޔާ ކޭންޕްގައި ޙިސާރުވެފައެވެ. -- ލީބިޔާގެ ގޫރީނާ އޮންލައިން ނޫސްް