12 Apr 2010, 11:13
14:30
މިމަހު ފަނަރައިން ފެށިގެން އެއްގަމު އުޅަނދުފަހަރު ދުއްވޭނީ އިޝުއަކޮށްގެން ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮސްފި އެވެ.
މިމަހު ފަނަރައިން ފެށިގެން އެއްގަމު އުޅަނދުފަހަރު ތާޑްޕާޓީ އިންޝުއަރ ކުރަންޖެހޭ ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނާ މާއްދާއަށް އިސްލާހް ގެނަސް އެ މުއްދަތު ދެ އަހަރު ދުވަހަށް ފަސްކުރުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު މާބޮޑު ބަހުސަކަށްނުގޮސް މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން ބިލް ފާސްކުރެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލުގައިވާ ދެ އަހަރު ދުވަހުގެ މުއްދަތު 18 މަސްދުވަހަށާއި، 21 މަސްދުވަހަށް ކުޑަކުރުމަށް މިއަދުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ބިލަށް އިސްލާހް ހުށަހެޅުއްވި ނަމަވެސް އެއްވެސް އިސްލާހެއް ފާހެއްނުވި އެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީންވެސް ބިލް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް އެވެ.
މި ބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި އިދިކޮޅު މެންބަރުން ވިދާޅުވީ، މިވަގުތު ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތަށްޓަކައި މި ބިލަކީ މުހިއްމު ބިލެއް ކަމަށެވެ. އަދި މި ބިލުން ދެ އަހަރުދުވަހަށް މުއްދަތު އިތުރު ކުރާއިރު އެ މުއްދަތުގެ ތެރޭގައި މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމާބެހޭ މުއައްސަސާތަކުން އެދެވޭ މަސައްކަތްތަކެއް ކޮށްފާނެ ކަމަށް ސުވާލު އުފެދޭ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމަށްޓަކައި އެފަދަކަންތައްތައް ދިގު ދަންމާލުމަކީ އެހާ އެދެވޭ ކަމެއް ނޫން ކަމަށެވެ. އަދި އުޅަނދުފަހަރު އިންޝުއަ ކުރުމަށް ހަމަޖެހިފައިވަނީ ގިނަބައެއްގެ ސަލާމަތަށް ކަމަށާއި، މިކަމަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވައި އެބިލުގެ އިބުތިދާއީ ބަހުސް ހުޅުވައިލެއްވި ނަމަވެސް ބިލަށް އެއްވެސް މެންބަރަކު ވާހަކަފުޅު ދައްކަވާފައެއްނުވެ އެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ބިލަކީ، ސިވިލްސާވިސްގެ އެތައްބަޔަކު ވަޒީފާއިން ދޫކުރަމުންދިއުމާއި ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ލިބެމުންދާ ނިކަމެތި ހާލަށް އެހީތެރިވުމަށާއި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލިބެންދެން ގާނޫނަކުން ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން މާލީ އިނާޔަތެއް ލިބިދިނުމަށްޓަކައި ގާނޫނަށް އިސްލާހް ގެނައުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓުދެއްވައިގެން ބިލް ވަނީ ބަލައިގެންފަ އެވެ.
އަދި ކުށްކުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ ބިލާއި ސިވިލްސާވިސްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ވެސް މަޖިލީހަށް މިއަދު ވަނީ ބަލައިގެންފަ އެވެ.
މީގެ އިތުރުން އެކުވެރި ދައުލަތްތަކުގެ މަރުކަޒަށް ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ހ.އޯކިޑް އިރުތިޝާމް އާދަމް ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށާއި، ސްވިޒަލެންޑް ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ.