ސަރުކާރެއްގެ ކެބިނެޓް މިނިސްޓަރަކު އޭނާގެ މަގާމުން އިސްތިއުފާ ދެއްވުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ "ޕޮޒިޓިވް މެސެޖެއް" ވެސް ނޫނެވެ. މިނިސްޓަރަކު ހަމަ ހުރެލާފައި ވަޒީފާއިން ވަތްކެއް ނުވާނެއެވެ. އަމުދުން ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް މިފަދަ ދަނޑިވަޅެއްގައި މިނިސްޓަރަކު ކުއްލިއަކަށް އިސްތިއުފާ ދެއްވުމަކީ، ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ސިހުން ގެނުވާނެ ކަމެކެވެ. ކޮންމެއަކަސް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މި ވަނީ، ސަބަބު ހާމަކުރެއްވުމެއް ނެތި ކުއްލިގޮތަކަށް އިސްތިއުފާ އިއުލާނުކުރައްވައިފައެވެ.

ޑރ. ޝަހީމުގެ އިސްތިއުފާ އައިސްފައި މިވަނީ، އޭނާ އެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން އެކަމަށް ގޮވާލާފައި ވަނިކޮށެވެ. ރައީސް ޔާމީންގެ ކޯލިޝަން ސަރުކާރު އެކުލަވައިލުމުގައި އަދާލަތު ޕާޓީއަށް ދިން އެންމެ ބޮޑު 'ސްލޮޓަކީ' އިސްލާމިކް މިނިސްޓްރީއެވެ. ސަރުކާރުގެ ބައެއް އިސް މަގާމުތައް އެނޫނަސް އަދާލަތު ޕާޓީއަށް ނިސްބަތްވާ ފަރާތްތަކަށް ލިބުނެވެ. ނަމަވެސް، މީގެ ދެމަހެއްހާ ދުވަސްކުރިން ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވެ، ސިޔާސީ ބައެއް ފަރާތްތަކުން ސަރުކާރާ ދުރަށް ޖެހިލި ވަގުތު، އަދާލަތު ޕާޓީވެސް ވަނީ ސަރުކާރާ ފެޔަށް ޖެހިލައިފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ބައެއް ކަންކަމާ ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ސަރުކާރު ކޯލިޝަނުން އަދާލަތު ޕާޓީ މިހާރު ވަނީ ވަކިވެފައެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވެސް މަގާމުތައް ދޫކޮށްލެއްވުމަށް އެޕާޓީން ވަނީ ގޮވައިލައިފަ އެވެ. އެ ގޮވައިލެއްވުމަށް އިޖާބަދެއްވައި ބައެއް ބޭފުޅުން އިސްތިއުފާ ވެސް ދެއްވިއެވެ. ނަމަވެސް އެވަގުތުވެސް ޑރ. ޝަހީމް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ހުންނަވާނީ ރައީސް ޔާމީނުގެ ސަރުކާރާ އެކުގައި ކަމަށެވެ. މަޝްވަރާގެ މަތިން ކަންކަން ހައްލުކުރެވޭނެ ކަމަށެވެ. ސަރުކާރުން ވަކިވާން ޖެހޭ އެއްވެސް ސަބަބެއް އަދި ނެތް ކަމަށެވެ. އެފަދަ ކަމެއް ސަރުކާރުން ނުކުރާ ކަމަށް ޝަހީމް ގެންދެވީ ވިދާޅުވަމުންނެވެ.

"އިސްލާމީ ކަންކަމަށް ނަސްރުދޭ ސަރުކާރެއް އޮވެއްޖެނަމަ އެ ސަރުކާރެއްގެ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނެ. އަދި އިސްލާހު ކުރަން ޖެހޭ ކަމެއް އޮވެއްޖެ ނަމަ އެ ކަމެއް ހައްލުކުރަން މަސައްކަތް ކުރުމަކީ ވެސް ވާޖިބުވެގެންވާ ކަމެއް. ސަރުކާރު ވައްޓާލަން ކުރާ އެއްވެސް ކަމެއް އަދާލަތު ޕާޓީއަކުން ނުކުރާނެ. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" ޝަހީމް ކުރިން ވިދާޅުވި އެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅު އެހެން ހުއްޓައި ކުއްލިއަކަށް ފެނިގެން ދިޔައީ، އަދާލަތުން ސަރުކާރާ ވަކިވި ތަނެވެ. އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ނުކުން މަންޒަރެވެ. ހަމަ އެކަނި ސަރުކާރާ ދެކޮޅަށް ނުކުތީކީ ވެސް ނޫނެވެ. ސަރުކާރާ ދެކޮޅަށް ރާވައި ހިންގާ ހުރިހާ ހަރަކާތެއްގައި އަދާލަތުގެ "ބޯޑު" އެންމެ ކުރީ ސަފުގައި ބެހެއްޓިއެވެ. މި ދަނޑިވަޅުގައި އެންމެ ބޮޑު ޕްރެޝަރެއް ތަހައްމަލުކުރަން ޖެހުނު އެއް ފަރާތަކީ ޑރ. ޝަހީމު ކަމާ މެދު ޝައްކެއް ނެތެވެ. އެއްކޮޅުން އެންމެ ގާތް އިންތިހާއަށް ލޯބިފުޅުވާ އެކުވެރިންނާއި ޕާޓީގެ މެންބަރުންނެވެ. އަނެއްކޮޅުން ސަރުކާރެވެ.

މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު ދެ އެއްވުމުގެ ތެރެއިން ފެބްރުއަރީ 27 ގައި ބޭއްވި އެއްވުމަށް އަދާލަތު ޕާޓީ އާއި ދީނީ އިލްމުވެރީން ބައިވެރި ނުވުމަށް އެންމެ ގަދައަށް ގޮވައިލެއްވި ބޭފުޅަކީ ޑރ. ޝަހީމެވެ. އަދި އެންމެ ފަހުން މި މަހުގެ އެއްވަނަ ދުވަހު، އަދާލަތު ޕާޓީ އިސްވެ އޮވެ، އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ ބޭއްވި މުޒާހަރާއާ ވެސް ޑރ. ޝަހީމް ދެކޮޅެވެ.

"ކަންކަން ރަނގަޅު ކުރުމަށް އިސްލާމް ދީނުގައި އެބަހުރި ގޮތްތަކެއް ކަނޑައެޅިފައި. ދީނުގައި އޮތް ހެޔޮގޮތަކީ، ވެރީންނަށް މަޝްވަރާ ދިނުން، ލަފާދިނުން. އެނޫން ގޮތަކަށް އެކަން ކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން،" ސަރުކާރާ ދެކޮޅަށް އެގޮތަށް އަދާލަތުން ނުތެދުވުމަށް އެދިވަޑައިގެން އޭރު ޝަހީމު ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް ހާލަތު ބަދަލުވެއްޖެ އެވެ. މޭޑޭ މުޒާހަރާގައި ޑރ. ޝަހީމް ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ހައްޔަރުކޮށްފިއެވެ. އޭގެ ދެ ދުވަސް ފަހުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ 81 ޕަސެންޓު މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ޑރ. ޝަހީމު އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށެވެ. އޭގެ ދެ ދުވަސް ފަހުން މި ފެނުނީ ޑރ. ޝަހީމް އިސްތިއުފާ ދެއްވިތަނެވެ.

ޑރ. ޝަހީމް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއާ އެކު. މި ދެބޭފުޅުންނަކީ ދުވަސްވީ ގާތް ދެ އެކުވެރީން -- ފޮޓޯ: ރައީސް އޮފީސް

ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވެވީ، ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ހެއްޔެވެ؟ ނޫނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުންދާ އޭނާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނިންމުމަށް އިހްތިރާމް ކުރެއްވުމަށް ބާވައެވެ؟ ނޫނީ މިވަގުތު ފުލުހުންގެ ބަންދުގައި ހުރި ޝެއިޚް އިމްރާންގެ ދިފާއުގައި މަސައްކަތް ކުރެއްވުމަށް ސަރުކާރުން ނުކުމެވަޑައިގަތީބާވައެވެ؟ ނުވަތަ އަދާލަތުން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގެން އަލުން މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގަތުން ބާވައެވެ؟ ނޫނީ، މި އިސްތިއުފާގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައި އޮތީ ބާވައެވެ؟ މިކަން ތިލަކޮށްލެވޭތޯ ބަލަމާ ހިނގާށެވެ.

އިސްލާމިކް މިނިސްޓަރު ކަމުން ޑރ. ޝަހީމް އިސްތިއުފާދެއްވި ނަމަވެސް އެކަމާ ބެހޭގޮތުން އެމަނިކުފާނު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ދެއްވާފައެއް ނުވެ އެވެ. އަދި ސަރުކާރުން ވެސް ޑރ. ޝަހީމުގެ އިސްތިއުފާއާ ގުޅޭ ގޮތުން، "މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އެމަގާމުން އިސްތިއުފާދެއްވާފައި،" ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިއްޔެ ވިދާޅުވި މިންވަރަށް ވުރެ އިތުރު ތަފްސީލެއް ނުދެއްވިއެވެ.

ޝެއިޚް އިމްރާނަކީ އަދާލަތު ޕާޓީގެ ރައީސްގެ އިތުރުން ޑރ. ޝަހީމްގެ ވަރަށް ގާތް އަރިސް ބޭފުޅެކެވެ. އެހެން ނަމަވެސް މިވަގުތު ސަރުކާރުތެރޭގައި ހުންނަވައިގެން އިމްރާނުގެ ދިފާއުގައި މަސައްކަތްޕުޅުކުރެއްވުމަކީ ޑރ. ޝަހީމަށް ކުރެއްވުން އެހާ ފަސޭހަ އަދި 'އެތިކަލް' ކަމަކަށް ވެސް ނުވާނެއެވެ. އެހެން ނަމަވެސް އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅަކު ޑރ. ޝަހީމް ދެއްކެވި މަގުން ނުހިންގެވުމުގެ ސަބަބުން މިއަދު ގޮޅިއެއްގައި އޮންނަވަން ޖެހިވަޑައިގަތުމަކީ ޑރ. ޝަހީމަށް ލިބިވަޑައިގަންނަވާނޭ ވަރަށް ބޮޑު ނުތަނަވަސް ކަމެއްކަން އެއީ ވަރަށް ސާފު ކަމެކެވެ.

އިސްތިއުފާގެ ކުރީން، ޑރ. ޝަހީމް ވަނީ ފުލުފުލުން ޓްވީޓްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ﷲގެ އިރާދަފުޅުން، "ހައްޖުކޯޓާއަށް އިތުރުވި އެއްހާސް ކޯޓާ، މިއަހަރުން ފެށިގެން ބޭނުން ކުރެވޭ ގޮތް ވާނެ" ކަމަށާއި، "ދަ މެސެޖް ސިލްސިލާގެ ދަރުސުތައް ވަނީ ތަރުތީބުކޮށްފައި. ހުރިހާކަމެއް ވެސް ރަނގަޅަށް ހިނގާނެ" ކަމަށާއި "މަދީނާގެ އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދާން ނިންމާފައިވާ ކޮންފަރެންސް ހަމަ އެޑޭޓުގައި ކުރިއަށް ދާނެ" ކަމަށާއި، "ހާފިޒުންގެ ޕްރޮގްރާމްވެސް ކުރިއަށް ދާނެ އިންޝާ ﷲ. މިއަހަރު 10 ހާފިޒުން ނިކުންނާނެ" ކަމަށާއި އިސްލާމީ ފިގުހު ތަރުޖަމާކުރުމުގެ މަޝްރޫއުވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ" ކަމަށާއި "މަސައްކަތް ފެށިފައިވާ އަވްޤާފު ބިލްޑިންގުތަކުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ" ކަމަށާއި "ދިވެހި ރައްޔިތުންގެ ފަހުރުވެރި ހައްޖު ކޯޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ދާނެ" ކަމަށާއި "މިސްކިތް ފަންޑުގެ ބިލްޑިންގު، ދާރުލް އީމާންގެ 10 ބުރި އިމާރާތް މިއަހަރު ނިމޭނެ" ކަމަށް ލިޔުއްވާފައި ވެއެވެ. މީގެ ތެރެއިން ބައެއް ކަންކަމަކީ އިސްލާމިކް ޔުނިވާސިޓީއާ ވެސް ގުޅުންހުރި ބައެއް ކަންކަމެވެ.

އިސްތިއުފާގެ މެސެޖްގެ ކުރިން އެންމެ ފަހުން ވިދާޅުވީ، "ރައީސް ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރުދަންނަވަން" ކަމަށެވެ.

ރައީސް ޔާމީންގެ ދެކަނބަލުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކު ----- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއްޔެ ވަނީ، ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްފައިވާ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ބިލް ތަސްދީގުކުރައްވައިފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން މިހާރު ހުރި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީއަށް ވެގެންދާނެ އެވެ. އަދި ޔުނިވާސިޓީގެ އިންތިގާލީ ކައުންސިލަކަށް ވާނީ ކުއްލިއްޔާގެ ކައުންސިލެވެ. ވަގުތީ ޗާންސެލަރަކަށް ހުންނަވާނީ ކުއްލިއްޔާގެ މަޖިލީހުގެ ރައީސެވެ. ބިލް ތަސްދީގުވިތާ ގިނައިރުތަކެއް ނުވެ، ސަރުކާރާ މެދު އެއްވެސް ހިތްނުތަނަވަސް ކަމެއް ނެތި، އިސްލާމިކް މިނިސްޓަރު އިސްތިއުފާދެއްވުން މިއީ ހަމަ އިއްތިފާގަކަށް ވެދާނެ ހެއްޔެވެ؟ ނޫނީ ހަމަ ރޭވިގެން ކުރިއަށް ދާ ކަމަކީ ހެއްޔެވެ؟ މިއީ އުފެދޭ ސުވާލުތަކެވެ. ދެން އޮތީ ދާއިމީ ޗާންސެލަރެއްގެ ވާހަކައެވެ.

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ބިނާވެގެން ދިއުމަކީ ޑރ. ޝަހީމްގެ ވެސް ވަރަށް ބޮޑު އުންމީދެކެވެ. އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން، ރައީސް ޔާމީންގެ މަޝްވަރާއާ ވެސް އެކު ޑރ. ޝަހީމް ވަނީ ރާއްޖޭގައި އެ ޔުނިވަރުސިޓީ ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭރުވެސް އެމަނިކުފާނުގެ ވާހަކަފުޅުތަކާ އަމަލުފުޅުތައް ހުރިގޮތުން "ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް ވުން" އެއީ ދެކެވަޑައިގެންނެވި ހުވަފެނެއްކަން ހާމަވެއެވެ.

ޑރ. ޝަހީމްގެ އިސްތިއުފާއާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު ވިދާޅުވީ، "ޑރ. ޝަހީމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި ނަމަވެސް، ސަރުކާރާ ފެއަށްޖެހިވަޑައި ނުގަންނަވާނެ،" ކަމަށެވެ.

ޑރ. ޝަހީމްގެ ވަރަށް އަރިސް ބޭފުޅަކު، ނަންހާމަ ނުކުރެއްވުމަށް ޝަރުތުކޮށް ވިދާޅުވީ، ޑރ. ޝަހީމް ދެން އެންމެ އަވަހަށް ފެނިވަޑައިގަންނަވާނީ، ސިޔާސީ ހަރަކާތްތަކާ ދުރުވެވަޑައިގެން، މީހުން ބިނާކުރުމާއި އިލްމީ މަސައްކަތުގެތެރޭން ކަމަށެވެ.

"ޑރ. ޝަހީމް އަޅުގަނޑުމެންގެ ކައިރީގައި ވެސް ވިދާޅުވެފައި އެބަހުރި، އިސްލާމިކް ޔުނިވާސިޓީއެއް އުފެދިއްޖެ ނަމަ އެތަނުގައި ކިޔަވައި ދޭނީ ހަމަ އެކަނި އިސްލާމީ އިލްމު ނޫން ކަމަށް. މެޑިސިންގެ ދާއިރާއާއި، އިންޖިނޭރިން އަދި އެނޫންވެސް ގައުމަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖޭގައި ސްޕެޝަލައިޒް ވެވޭނެ މަގު ތަނަވަސް ކޮށްދެއްވާނޭ ކަމަށް،" މަސްދަރު ފޮރުވުމަށް ޝަރުތުކޮށް އެ ބޭފުޅާ ވިދާޅުވި އެވެ.

ކޮންމެއަކަސް ޑރ. ޝަހީމް މިވަނީ، އަދާލަތު ޕާޓީގެ ނިންމުމަށް ވެސް އިހްތިރާމް ކުރައްވައިފައެވެ. އަދި އިސްތިއުފާދެއްވުމުގެ ކުރީން ހުރިހާ ވަގުތެއްގައި ވެސް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އިސްތިއުފާ ދެއްވި ވަގުތުވެސް ވިދާޅުވެފައި ހުރި ވާހަކަފުޅުތަކުން ދޭހަވަނީ، ސަރުކާރާ މެދު އޮތް އިތުބާރެވެ. މި ކަންކަމަށް ނަޒަރު ހިންގާލުމުން ޔަގީންވާ ކަމަކީ، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީގެ ފުރަތަމަ ޗާންސެލަރު ކަމަށް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަތުން ނޫން ދެން ކޮންކަމެއްތޯ އެވެ؟ ނޫނީ، އެއީ ޝެއިޚް އިމްރާނުގެ ދިފާއުގައި ވަކާލާތުކުރެއްވުމަށް ނުކުމެވަޑައިގަންނަވަނީބާވައެވެ؟