ތަހުގީގުގައި ސުވާލުކުރުމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ފުލުހުންނަށް އެއްބާރުލުންދެއްވައި ތަހުގީގަށް ބަޔާނެއް ދެއްވިއިރު، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ހަނުހުންނަވައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އިމްރާނާއި އަލީ ވަހީދާ ސުވާލުކުރުން އޮތީ މިއަދު މެންދުރުފަހު 2:30ގައި ދޫނިދޫގައެވެ.

ފުލުހުންގެ ތަހުގީގު ޓީމުން އެ ދެ ބޭފުޅުންނާ ސުވާލުކޮށްފައި ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދުގެ ހާޒިރުގައެވެ.

ސުއޫދު މިއަދު ސަން އަށް ވިދާޅުވީ، އިމްރާނާއި އަލީ ވަހީދާ ފުލުހުން ސުވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ފެށުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވައި، އިމްރާން ތަހުގީގަށް ބަޔާނެއް ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އަލީ ވަހީދު އިޚްތިޔާރު ކުރެއްވީ ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގު ކަމަށް ސުއޫދު ވިދާޅުވި އެވެ.

ފުލުހުން އިމްރާނާއި އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކީ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް އެ ދެ ބޭފުޅުން ވާހަކަފުޅުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދެވެ.