މުޒާހަރާތަކަށް ގޮވަން ނުކުންނަ ޕިކަޕް ހުއްޓުވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީ އިން އެކަމުގެ ޝަކުވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.

އެމްޑީޕީ އިން މިއަދު އެޗްއާރްސީއެމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމަކީ ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގެއް ކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް ވީތީ އެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ. ސިޓީގައި އަދި ބުނެފައި ވަނީ އެމްޑީޕީ އާއި އިދިކޮޅު އެހެން ފަރާތްތަކުން އިންތިޒާމު ކުރި މުޒާހަރާތަކަށް ގޮވުމަށް ޕިކަޕެއްގައި ނުކުތް މީހުން ދެ ފަހަރެއްގެ މަތިން ފުލުހުން ހުއްޓުވާފައި ކަމަށެވެ.

ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ހުރި އެފަދަ ހުރަސްތައް ބަލައި ފިޔަވަޅު އަޅައިދޭން އެދޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

"...ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމަށް ހުރި މިފަދަ ހުރަސްތައް ބައްލަވައި އެކަންކަން ތިޔަ ކޮމިޝަނަށް ގާނޫނުން ލިބިދީފައިވާ ބާރުގެ އިމުގެ ތެރެއިން ފަހިކޮށް، މިދެންނެވި ކަންކަން ބައްލަވައި ދެއްވައި ގާނޫނީ ފިޔަވަޅު އަޅައިދެއްވުމަށް އެދެމެވެ،" އެމްޑީޕީގެ ސިޓީގައިވެ އެވެ.