26 Feb 2011, 10:55
ލާމަޒުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ބޭއްވި އިންތިހާބުގައި ހޮވައިފައިވާ ދެ ސިޓީ ކައުންސިލްގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ސަރަނގު އާދަމް މަނިކު އަދި އައްޑޫ ސިޓީގެ މޭޔަރަކަށް އަބްދުﷲ ސޯދިގު )ސޯބެ( ހޮވައިފި އެވެ.
ސިޓީ ކައުންސިލަރުން ހުވާކުރެއްވުމަށް ދަރުބާރުގޭގައި އާއި ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ދެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވުމަށް ވަނީ ކައުންސިލަރުންގެ ބައްދަލުވުން ކުރިއަށްގެންގޮސްފަ އެވެ.
އެގޮތުން ދަރުބާރުގޭ ހަކުރާމާލަމުގައި ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި މާލޭގެ މޭޔަރަކަށް އާދަމް މަނިކު ހޮވިވަޑައިގަތީ، 11 ކައުންސިލަރުންގެ ތެރެއިން އަށް ކައުންސިލަރުން ވޯޓު ދެއްވައިގެންނެވެ. އާދަމް މަނިކާ ވާދަކުރެއްވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު، މުހައްމަދު ފަލާހަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި ބާތިލު އެއް ވޯޓު ހިމެނެ އެވެ.
އާދަމް މަނިކު ރިޔާސަތުގައި އިންނަވައިގެން ޑެޕިއުޓީ މޭޔަރު ހޮވުމަށް ކުރިއަށް ގެންދެވި ބައްދަލުވުމުގައި، އެ މަގާމަށް ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ސަމާހު ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ މޭޔަރަކަށް ހޮވިވަޑައިގަތީ ހަތަރު ވޯޓާ އެކު ސަމާހު ރަޝީދެވެ. އައިމަން އަށް ތިން ވޯޓު ލިބިވަޑައިގެންނެވި އިރު، ކަރީމަށް ދެ ވޯޓު ލިިބިވަޑައިގަތެވެ. އަދި ބާތިލު ދެ ވޯޓު ވެސް ހިމެނެ އެވެ.
ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރަކަށް ސޯބެ ހޮވިވަޑައިގަތީ، ތިން ވޯޓާ އެކު އެވެ. އެމަގާމަށް ވާދަކުރެއްވި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދަށް ދެ ވޯޓު ލިބިވަޑައިގަތްއިރު، ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީ އަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ.
އައްޑޫގެ ޑެޕިއުޓީ މޭޔަރަކަށް ހޮވިވަޑައިގަތީ ހަސަން ޝާހިދެވެ. މަރަދޫ ދާއިރާގެ އަބްދުﷲ ތޮއްޔިބާ ވާދަކުރައްވައިގެން ޝާހިދު އެ ގޮނޑި ކާމިޔާބު ކުރެއްވީ ހަތަރު ވޯޓުންނެވެ. ތޮއްޔިބަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.
މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައިވާ މުނިސިޕަލިޓީގެ ކުރީގެ ރައީސް ސަރަނގު އާދަމް މަނިކު އެ މަގާމަށް ކުރިމަތިލައްވައިގެން، އިންތިހާބު ކާމިޔާބުކޮށްފައި މި ވަނީ، މާލޭގެ ދާއިރާތަކުގެ އަޣުލަބިއްޔަތުން ފަލާހަށް މޭޔަރުގެ މަގާމު ދިނުމަށް ނިންމާފައިވަނިކޮށެވެ. އަދި ޑެޕިއުޓީ މޭޔަރަކަށް ހޮވުމަށް ދާއިރާތަކުން ނިންމާފައި އޮތީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މައިޒާން އަލި މަނިކު )މައިޒާން އަލިބެ( އެވެ. އެހެންނަމަވެސް، މައިޒާން އަލި މަނިކު ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލައްވައިފައެއްވެސް ނުވެ އެވެ.
މިއަދު ބޭއްވި މާލެ ސިޓީގެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައި ވަނީ، އަންނަ ހޯމަ ދުވަހު ޖަލްސާއެއް ބާއްވައި އިދާރީ މައްސަލަތައް ހަމަޖެއްސުމަށެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ އަށް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅަން ޖެހޭ ބޭފުޅަކު ހޮވުން ވެސް ވަނީ ފަސްކޮށްފަ އެވެ.
ނަމަވެސް، އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވެއް މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނެގި ދެ ސިޓީ ކައުންސިލްގެ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލްގެ ހަ ގޮނޑި ވެސް އެމްޑީޕީން ގެންގޮސްފައިވާ އިރު، ބޮޑު ތަފާތަކުން މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދައިފައި ވަނީ ވެސް އެމްޑީޕީ އެވެ. އެ ކައުންސިލްގެ 11 ގޮނޑީގެ ތެރެއިން ނުވަ ގޮނޑި އެމްޑީޕީން ކަމިޔާބުކޮށްފައިވާ އިރު، ޑީއާރުޕީ އަށް ލިބިފައި ވަނީ ދެ ގޮނޑި އެވެ.
12:22 -- އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހަސަން ޝާހިދު ހޮވައިފި އެވެ. މަރަދޫ ދާއިރާގެ އަބްދުﷲ ތޮއްޔިބާ ވާދަކުރައްވައިގެން ޝާހިދު ގޮނޑި ކާމިޔާބު ކުރެއްވީ ހަތަރު ވޯޓުންނެވެ. ތޮއްޔިބަށް ދެ ވޯޓެވެ.
12:10-- ހޯމަ ދުވަހު ޖަލްސާއެއް ބާއްވައި އިދާރީ މައްސަލަތައް ހަމަޖެއްސުމަށް ކަނޑައެޅުމަށް ފަހު މާލޭ ސިޓީގެ ކައުންސިލަރުންގެ ބައްދަލުވުން ނިންމާލައިފި އެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ އަށް މާލޭ ސިޓީ ކަނޑައަޅަން ޖެހޭ ބޭފުޅަކު ހޮވުން ވެސް ވަނީ ފަސްކޮށްފަ އެވެ.
12:00-- އައްޑޫ ސިޓީގެ މޭޔަރަކަށް ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގު ހޮވައިފި އެވެ. އޭނާ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ. ޑެޕިއުޓީ މޭޔަރު ހޮވުމުގެ ބައްދަލުވުން މިހާރު ކުރިއަށް އެބަދެ އެވެ.
11:50-- އައްޑޫ ސިޓީގެ މޭޔަރުކަމަށް އަބްދުﷲ ސޯދިގު )ސޯބެ( އާއި ހަސަން ޝާހިދުގެ އިތުރުން ހުސައިން ފަހުމީ ކުރިމަތިލައްވައިފި އެވެ. މޭޔަރާއި ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުމުގެ ބައްދަލުވުން މިހާރު ކުރިއަށްދަނީ އެވެ.
11:30-- މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު އުތުރު ދާއިރާއިން ހޮވިވަޑައިގެންފައިވާ ސަމާހު ރަޝީދު ހޮވައިފި އެވެ. އޭނާއަށް ހަތަރު ވޯޓު ވަނީ ލިބިފަ އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވީ ސަމާހުގެ އިތުރުން އައިމަން އިސްމާއިލް އާއި މުހައްމަދު އަބްދުލް ކަރީމެވެ.
އައިމަން އަށް ލިބުނީ ތިން ވޯޓެވެ. އަދި ކަރީމަށް ދެ ވޯޓު ލިބުނުއިރު ބާތިލު ދެ ވޯޓު ހިމެނެ އެވެ.
11:13-- މާލެ ސިޓީގެ މޭޔަރަކަށް ސަރަނގު އާދަމް މަނިކު ހޮވައިފި އެވެ. ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު، މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި، ސަރަނގު އާދަމް މަނިކަށް އަށް ވޯޓު ވަނީ ލިބިފަ އެވެ.
މާފަންނު ހުޅަނގު ދާއިރާ އިން ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި މުހައްމަދު ފަލާހަށް ލިބިވަޑައިގެންނެވީ ދެ ވޯޓެވެ. އަދި ބާތިލު އެއް ވޯޓު ހިމެނެ އެވެ.
ނަމަވެސް، މޭޔަރަކަށް ވާދަކުރައްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ފަލާހުގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު، މައިޒާން އަލިމަނިކެވެ.
އަދި ރޭ އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނަނީ، މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ހޮވުމަށް މާލެ ސިޓީގެ ދާއިރާތަކުގެ އަޣުލަބިއްޔަތު ލިބިފައި ވަނީ ފަލާހަށް ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގައި ބުނަނީ، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ހޮވުމަށް އެމްޑީޕީގެ ކައުންސިލަރުން ވޯޓުދެއްވަން ޖެހޭނީ، ދާއިރާތަކުގައި މަޝްވަރާކުރުމަށް ފަހު، އެ ދާއިރާއަކުން ހުށަހަޅައި ގޮތެއްގެ މަތިން ކަމަށެވެ.
-----
މާލޭގެ މޭޔަރުން ހޮވުމުގެ ރަސްމިއްޔާތު ދަރުބާރުގޭގައި ކުރިޔަށް އެބަދެ އެވެ. ވޯޓުލުމަށް ފަހު މިހާރު ކުރިޔަށް ދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.
(ތަފުސީލު އަންނަނީ)