05 May 2015, 17:05
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަށްވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
މިފަހަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަންއެވެ.
މިއަދު ހެނދުނު ހައްޔަރުކުރި އުމުރުން 20 އަހަރުގެ އުސްމާނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.
މި މައްސަލާގައި ފުލުހުން އާންމުކުރި ވީޑިއޯއިން ޗާންދަނީމަގުގައި ބިންމައްޗަށް ވައްޓާލާފައި އޮތް ފުލުސް މީހާއަށް ފެންފުޅިން އުސްމާން ހަމަލާދޭ މަންޒަރުފެނެއެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އުސްމާންގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނަކީ މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48ގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 އެވެ.