މިދިޔަ ހުކުރުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަލާދިން ފުލުސް މީހާ ވައްޓާލި ކަމުގެ ތުހުމަތުގައި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ފުލުހުން އޭނާ ހައްޔަރުކުރީ އިއްޔެއެވެ.

އުމުރުން 19 އަހަރުގެ ލަބާން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 5:40 އެހާކަންހާއިރު އެފްއޭއެމް ޓާފްދަނޑުގައި ޓީމުގެ ޕްރެކްޓިސްގައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރަން ދިޔައީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމަކުންނެވެ.

ލަބާން ފުލުސްމީހާއާ ދިމާލަށް ދުއްވައިގަންނަނީ --- ފޮޓޯ/ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޗޮޓް

ލަބާން ހައްޔަރުކުރުމާ އެކު މިހާތަނަށް އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.

ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ލަބާންގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނަކީ މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48ގެ އިތުރުން ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އެވެ.

ފުލުހުން ލަބާން ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފުލުހުން ލަބާން ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ/ އަހްމަދު އާޒިފް

އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ތިން މީހަކާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މީހަކު ވެސް ހިމެނެއެވެ.