05 May 2015, 15:26
އިސްލާމިކް މިނިސްޓަރު ކަމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާދެއްވައިފި އެވެ.
އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިކަން ޑރ. ޝަހީމް ވަނީ އޭނާގެ ރަސްމީ ޓުވީޓާ އެކައުންޓްގައި ވިދާޅުވެފަ އެވެ.
ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އެ ޕާޓީން މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން އަންގައިފައި ވަނިކޮށެވެ.
Alhugandu islamic minister kamun isthiufaa dheefin. وما توفيقي إلا بالله عليه توكلت وإليه أنيبpic.twitter.com/6oGnAzBSxx
— د.محمد شهيم علي سعيد (@Mohamedshaheem1)May 5, 2015
އަދާލަތުޕާޓީގެ މަޝްވަރާ މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ މަޝްވަރާ މަޖިލީހުގައި ބައިވެެރިވެވަޑައިގެންނެވި 81 ޕަސަންޓު މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އަދާލަތުޕާޓީން އެގޮތަށް ނިންމީ މިދިޔަ މޭމަހުގެ އެއްވަނަ ދުވަހު އަދަލާތުޕާޓީ އިސްނަގައިގެން ބޭއްވި މުޒާހަރާއަށް ފަހު އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ ގުޅިގެންނެވެ.
އަދާލަތު ޕާޓީގެ އެ ނިންމުމަށް ފަހު ޝަހީމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާދެއްވިނަމަވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކު ހެން މީގެކުރިން ޝަހީމް ވަނީ މި ސަރުކާރުގެ ދިފާއުގައި ވާހަކަފުޅުދައްކަވާފައި އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް، ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރުދަންނަވަން،" ޝަހީމްގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން ޑރ. ޝަހީމް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
"Miadhu mendhuru fahuge vaguthehgai Minister of Islamic Affairs Dr. Mohamed Shaheem Ali Saeed vany e maqaamun isthiufaa dhevvaafai" -im
— Ibrahim Muaz Ali (@SpokespersonMV)May 5, 2015