05 May 2015, 15:41
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެގައުމުގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަނުން ފޮރިން މިނިސްޓަރު އަވިގްޑޯރް ލީބަމަން އާއި އޭނާގެ ޕާޓީ ވަކިވެއްޖެ އެވެ.
ލީބަމަން ބުނި ކަމަށް ޖެރޫސަލަމް ޕޯސްޓުން ބުނީ އޭނާގެ ޔިސްރާއިލް ބައިތަނޫ ޕާޓީ ދެން ގުޅޭނީ އިދިކޮޅު ފަރާތްތަކާ ކަމަށާއި އޭނާ ހުންނެވި ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ވެސް އިސްތިއުފާ ދޭނެ ކަމަށެވެ.
ލީބަމަން އާއި އޭނާގެ ޕާޓީ ނަތަންޔާހޫގެ ލިކޫޑް ޕާޓީ އިސްކޮށް އޮތް ކޯލިޝަނުން ވަކިވުމުން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތުގައި ނަތަންޔާހޫ އަށް އޮންނާނީ ވަރަށް ހަނި އަޣުލަބިއްޔަތެކެވެ. އެގޮތުން 120 މެމްބަރުންގެ ހިމެނޭ ކަނީސަތުގައި ނަތަންޔާހޫ އަށް އޮންނާނީ 61 މެމްބަރުންގެ އަޣުލަބިއްޔަތެކެވެ.
ނަތަންޔާހޫ އަލަށް އެކުލަވާލާ ސަރުކާރުގައި ބައިވެރި ނުވާން ނިންމީ އެސަރުކާރަކީ ގައުމީ މަސްލަހަތުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ ސަރުކާރަކަށް ވާނެތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނެފައި ވަނީ ސަރުކާރުގައި ބައިވެރި ނުވާން ނިންމީ އޭނާގެ ޕާޓީން އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.