ދައުލަތުގެ އިސްވެރިންތަކެއް ބަދުއަޚްލާޤީ އަމަލު ހިންގި ވީޑިއޯތަކަކާ ގުޅޭ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެއަމަލު ހިންގި ބަޔަކާ މެދު ފިޔަވަޅުއެޅުމުގެ ބަދަލުގައި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭ ނޫސްވެރިންނަށް ބިރުދައްކައި ރައްޔިތުންނަށް ހަގީގަތް ހާމަކުރުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގަމުންގެންދާ އަމަލުތައް ގައުމީ ޕާޓީން ކުށްވެރިކޮށްފި އެވެ.

ދައުލަތުގެ އިސްވެރިންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލް ކުރުމަށް ބަޔަކު މަސައްކަތްކުރި ކަމަށް ބުނާ މައްސަލައަކާ ގުޅޭ ގޮތުން ދުވަހު ނޫސް ހަވީރުގައި ޝާއިއުކުރި ރިޕޯޓު ލިޔުނު ދެ ނޫސްވެރިޔަކު، އިއްޔެ ހަވީރު ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލަ ކުށްވެރި ކުރައްވައި ގައުމީ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޚަބަރާއި މައުލޫމާތު ފެތުރުމަށް ނޫސްވެރިން ލިޔާ ލިޔުންތަކާއި ބެހޭ ގޮތުން ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގައި ހެދުމަކީ މިނިވަން ނޫސްވެރިކަން ކަފުންކޮށް، ހިތުހުރި ގޮތަކަށް ކަންކަންކުރާ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މުޖުތަމަޢުގެ އަޚުލާގީ މިންގަނޑުން ބޭރު ހަޑިމުޑުދާރު އަމަލުތައް ހިންގާ މީހުން ރައްކާތެރިކުރުމުގެ ގޮތުން ނޫސްވެރިކަމަށް ހުރަސް އެޅުމަކީ ރައީސް ނަޝީދުގެ ސަރުކާރު ފެށުނީއްސުރެ ކަންކުރަމުން އަންނަ ގޮތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އަދި ބުނެފައި ވަނީ އިންވެސްޓިގޭޓިވް ނޫސްވެރިކަމަކީ ޑިމޮކްރެޓިކް ވެއްޓަކުން ފެންނަން ޖެހޭ މުހިންމު އަސާސީ ސިފައަކަށްވާ ހިނދު، ދިވެހި ނޫސްވެރިން ހިތްވަރާ އެކު ކުރަމުންދާ އެމަސައްކަތަށް ހީނަރުކަން ގެނެސް ރާއްޖޭގެ މިނިވަން ނޫސްވެރިކަން ވަޅުޖެއްސުމަށް ރައީސް ނަޝީދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ދައުލަތުގެ، ނުވަތަ ސަރުކާރުގެ އިސްވެރިން ބަދުއަޚުލާގީ އަމަލު ހިންގައި، އަދަބު އަޚުލާގު ނެތުމަކީ އެކަމުގެ ޒިންމާ ނޫސްވެރިންގެ ބޮލުގައި އަޅަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދައުލަތުގެ އިސްމަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނަކީ އެންމެނަށް ނަމޫނާއަކަށް ވާން ޖެހޭ އިރު އެމީހުންގެ އަމަލުތަކާ ބެހޭ މައުލޫމާތު ނޫސްވެރިން ލިޔެ ހާމަކުރުމަކީ ނޫސްވެރިން ޒިންމާދާރު ގޮތެއްގައި ކުރައްވާ މުހިންމު މަސައްކަތެއްކަމަށް ގައުމީ ޕާޓީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ އިސްވެރިންތަކެއް ބަދުއަޚްލާޤީ އަމަލު ހިންގި ވީޑިއޯތަކަކާ ގުޅޭ މައްސަލަތަކެއްގައި "ދައުލަތުގެ އިސްވެރިން ބަރަހަނާ ކޮށްލައިފި" މި ސުރުހީގެ ދަށުން މި މަހުގެ 22 ގައި ދުވަހު ނޫސް ހަވީރުގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެން އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫނާއި ލޯކަލް ނިއުސް އެޑިޓަރު އިސްމާއީލް ނަސީރު އިއްޔެ ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

އެ ވީޑިއޯތަކާ ގުޅޭ މައްސަލައިގައި، އެކަމުގައި ޝާމިލްވާ ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ފަރާތްތައް އެބޭފުޅުން ތިއްބެވި މަޤާމްތަކުން ވަކިކުރުމަށް ވެސް ޤައުމީ ޕާޓީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މި ދިޔަ ބުދަ ދުވަހު ވަނީ ގޮވައިލައިފަ އެވެ.