05 May 2015, 15:05
އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދުމަށް މަޖިލީހުން ފާސްކުރި ބިލު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ހުށަހެޅުއްވި އިސްލާމިކް ޔުނިވާސިޓޫގެ ބިލުގައި ބުނެފައި ވަނީ އިސްލާމިކް ޔުނިވާސިޓީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ.
ބިލްގައި ބުނެފައިވާ ގޮތަށް އިސްލާމީ ޔުނިވާސިޓީ އަކަށް ބަދަލު ކުރަނީ، މިހާރު ހުރި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އެވެ. ޔުނިވާސިޓީގެ އިންތިގާލީ ކައުންސިލަކަށް އޮންނާނީ ވެސް ކުއްލިއްޔާގެ ކައުންސިލެވެ. އަދި ޗާންސެލާއަކަށް ބޭފުޅަކު ހަމައްސަވަންދެން، ވަގުތީ ޗާންސެލާއެއްގެ ގޮތުގައި ހުންނަވާނީ ކުލިއްޔާގެ މަޖިލިހީހުގެ ރައީސް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދުގެ ސަރުކާރުންނާއި ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި އިސްލާމީ ވަހުދަތު ގާއިމް ކުރުމާއި ތުއްތު ކުދިންނާއި ޒުވާނުންގެ މެދުގައި އިސްލާމްދީނާ މެދު ލޯބި ޖެއްސުން ކަމަށެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަކީ ދިވެހިރައްޔިތުން އެކަމަކަށްޓަކައި ތާ އަބަދަށް ފަހުރުވެރިވާނެ ގާނޫނެއް ކަމަށެވެ.
ބިލާ ގުޅޭގޮތުން ނައިބު ރައީސް ޖަމީލު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ބިލުގެ ދަށުން ރާއްޖޭގައި ގާއިމްކުރެވިގެންދާ ޔުނިވާސިޓީ ވެގެންދާނީ "އިލްމީ ދަންމަރު މުޅި ރާއްޖެއަށް ފަތުރާލާނެ މަރުކަޒަކަށް" ކަމަށެވެ.