އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލިއްޖެ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ނަޝީދަށް އެމްޑީޕީގެ ރައީސްކަން ގެއްލުނީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރިއެއް ނުވެވޭނެ ކަމަށް ބުނާ ބިލް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ގާނޫނު ވަނީ ޝާއިއުކޮށްފަ އެވެ.

ކުރިން މަޖިލީހުން އެ ބިލް ފާސްކުރީ ޖިނާއީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިނުވޭ ގޮތަށެވެ. އެހެންނަމަވެސް އެފަހަރު ރައީސް ޔާމީން ވަނީ އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.

އެ ބިލް ހުށަހެޅުއްވި ގެނަމަނަފުށީ ދައިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، އެ ބިލަކީ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ބިލެއް ކަމަށާއި އޭގައި ޖަލުގައި ތިބޭ ގައިދީންނާއި ތަހުގީގަށް ހައްޔަރުކުރެވިފައި ތިބޭ މީހުންނަށް އެތަކެއް ހައްގުތަކެއް ލިބިދިނުމަށް ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

ހުކުމް ތަންފީޒުކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާ ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާ ކަމަށް ވެސް އެ ބިލްގައި ވެއެވެ.