05 May 2015, 16:36
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއަށް ރާއްޖޭގެ އެކި ހިސާބުތަކުން އައިސްފައިވާ ކައުންސިލަރުންގެ މައުލޫމާތު ދިނުމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ނޭނގޭނެ ކަމަށާއި "ރައްޔިތުންނަށްޓަކައި މާދަމާ މުޒާހަރާއަށް ގޮވި ކަމުގައި ވިއަސް އަންނާނެ" ކަމަށް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންތަކެއް ވިދާޅުވެއްޖެ އެވެ.
އެލްޖީއޭ ކުރިމަތީގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ކައުންސިލަރުން ވިދާޅުވީ އެލްޖީއޭ އިން ކައުންސިލްތަކަށް ފޮނުވި ސިޓީގެ ޖަވާބު އެ އޮތޯރިޓީ އަށް ފޮނުވާނެ ކަމަށެވެ. އަދި މޭޑޭ މުޒާހަރާއަށް އައިސްފައިވާ ކައުންސިލަރުންގެ މައުލޫމާތު ހޯދުމަށް އެލްޖީއޭ އިން އެދިފައި ވަނީ އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަރް ހުއްޓުވުމަށް ކަމަށް ވެސް ކައުންސިލަރުން ބުންޏެވެ.
މޭޑޭ މުޒާހަރާއަށް އެ ފަރާތްތަކުން އައިސްފައި ވަނީ އެއްވެސް ފަރާތަކަށް ފިލައިގެން ނޫން ކަމަށް ކައުންސިލަރުން ވިދާޅުވި އެވެ. ކައުންސިލަރުން ވަނީ މޭޑޭ މުޒާހަރާ އަށް ކައުންސިލަރުން އައި ސަބަބު އެލްޖީއޭ އަށް ފޮނުވަން ޖެހޭތީ އެކަމާ ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެއް ނޫސްވެރިންނާ ވާހަކަދައްކަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު
"އަޅުގަނޑުމެން އިންތިހާބު ކޮށްފައި މި ވަނީ އަޅުގަނޑުމެންގެ ރައްޔިތުން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ވަނީ ރަސްމީ ހައިސިއްޔަތުން ވެސް މޭޑޭ ކީއްކުރަންތޯ އަޅުގަނޑުމެން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މާލެ ކީއްކުރަންތޯ ކޮންމެ ތާކަށް ވެސް ދެވޭނެ. އަޅުގަނޑުމެން ތަމްސީލު ކުރަމުން މިދަނީ ރައްޔިތުން. އެހެންކަމަށް ވުމާއި އެކު އަޅުގަނޑުމެންނަށް އެ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުން އަޅުގަނޑުމެންނަށް އޮންނަނީ ލާޒިމުކޮށްފައި،" ބ. އަތޮޅު ކައުންސިލް މެމްބަރު ހަސަން ސިރާޖު ވިދާޅުވި އެވެ.
މޭޑޭގެ މުޒާހަރާ އަށް އައި ކައުންސިލަރުންނާމެދު އެލްޖީއޭ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ވިދާޅުވަމުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ވިދާޅުވީ "ވަޒީފާއިން ކަނޑާލި ކަމުގައިވިއަސް" ރައްޔިތުންގެ ހައްގުގައި މުޒާހަރާތަކަށް އަންނާނެ ކަމަށެވެ.
އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ކައުންސިލުތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 123ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލު ކުރުމެއް ނެތި މިދިޔަ ހުކުރު ދުވަހު މާލޭގައި ތިއްބެވި ކައުންސިލަރުންގެ މައުލޫމާތު މިއަދު އެ އޮތޯރިޓީއަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 123ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަސްމީ ބޭނުމަށް މާލެ އައިސްފައިވާ ކައުންސިލަރުންގެ މައުލޫމާތު އެލްޖީއޭއަށް ހިއްސާ ކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.