އިންޑިއާގެ ބޮޑު ވަޒީރު ނެރަން މޯދީ އަންނަ ހަފްތާގައި ޗައިނާ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ. އަދި އިންޑިއާ ސަރުކާރުން ވެސް ވަނީ އެކަން ކަށަަވަރުކޮށްދީފަ އެވެ.

މިއީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިންޑިއާގެ އުތުރުގެ އަވައްޓެރި ގައުމުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ މޯދީ ޗައިނާގައި ހުންނަވާނީ މި މަހު 14 އިން 16 އަށް ކަމަށެވެ.

ޗައިނާ އާއި އިންޑިއާ އިން ވަނީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކޮށްފަ އެވެ. ނަމަވެސް ދެ ގައުމުގެ ގުޅުން ފަހަކަށް އައިސް ވަނީ ގޯސްވެފަ އެވެ. އަަދި ދެ ގައުމުގެ ބޯޑާލައިންގެ މައްސަލަތައް އަވަހަށް ނިންމަން ޖެހެ އެވެ.

މޯދީގެ ތިން ދުވަހުގެ ދަތުރުފުޅުގައި ޗައިނާގެ އިސްވެރިންނާ ބައްްލު ކުރައްވާނެ އެވެ.

މޯދީގެ ދަތުރުފުޅުގައި ސައުތު ކޮރެއާ އާއި މޮންގޯލިއާ އަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

އިންޑިއާގެ އިމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާގެ އެހީ އަށް މޯދީ ވަނީ ފެންބޮވައިގެންފަ އެވެ.

މޯދީގެ ޗައިނާ ދަތުރުފުޅު ގައިދަށްވެފައި ވަނިކޮށް، ޗައިނާގެ ޓުވީޓާ، ސިނާ ވައިބޯ އާ ގުޅިވަޑައިގެންފަ އެވެ. އަދި މަދު ގަޑިކޮޅެެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ފޮލޯކޮށްފަ އެވެ.

މޯދީގެ ޕޯސްޓެއްގައި ވިދާޅުވީ މި މަހު 14 އިން 16 އަށް ޗައިނާ އަށް ދަތުރު ކުރެއްވުމުގެ އުންމީދުގައި ހުންނެވި ކަމަށާއި އަދި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އުންމީދުކޮށް، ތަރައްގީގައި އިތުރު ހަރުފަތްތަކަކަށް ދިއުމުގެ އުންމީދު ކުރައްވާ ކަމަށެވެ. އަދި 12 މިލިއަން މީހުން ފޮލޯ ކުރާ މޯދީގެ ޓުވީޓާ އެކައުންޓްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް ތަރައްގީ އާއިި ހަމަޖެހުން ގާއިމު ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

ޗައިނާގެ ވައިބޯގައި މީހުން ފާޅުކޮށްފައިވާ ގިނަ ކޮމެންޓްތަކުގައި ހުރީ މަރުހަބާ އަށް ވުރެ ބޮޑަށް އިދިކޮޅު ކޮމެންޓްތަކެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ބޯޑަރުގެ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

ޗައިނާގެ ރައީސް ޝީ ޕިންޖިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ އަށް ވަޑައިގެންފަ އެވެ. އަދި ދެ ގައުމުގެ ލީޑަރުން ދެ ގައުމުގެ ގުޅުމާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، އިންޑިއާގެ ރޭލްވޭތައް ތަރައްގީ ކުރުމަށް ފަންޑިން ހޯދުމުގެ ވާހަކަވެސް ވަނީ ދައްކަވައިފަ އެވެ.