މިރޭ ޔޫއެފްއާ ޗެމްޕިއަންސް ލީގް ސެމީ ފައިނަލް ފުރަތަމަ މެޗްގެ ފުރަތަމަ ލެގްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް ނިކުންނައިރު މިމެޗް ވެގެންދާނީ މިދެ ކުލަބަށްވެސް ޚާއްސަ މެޗަކަށެވެ. އެއީ މިމެޗަށް ނިކުންނައިރު މިދެޓީމްގައިވެސް ތާރީޚީ އިއްތިފާގުތަކެއް ހުރުމުންނެވެ.

ކާލޯ އަންޗަލޯޓީ

މިރޭގެ މެޗަށް ނިކުންނައިރު މީޑިއާގެ ޚާއްސަކަން އެންމެ ބޮޑަށް ލިބިފައިވާ އަކަކީ ކުރިން ޔުވެންޓަސްގެ ކޯޗްކަން ކޮށްފައިވާ އަންޗަލޯއްޓީއެވެ.

1999 އިން 2001 ވަނަ އަހަރާ ހަމަޔަށް އަންޗަލޯޓީ ވަނީ ޔުވެންޓަސްގެ ކޯޗްކަންކޮށްފައެވެ. އެމުއްދަތުގައި އޭނާ ވަނީ މިދިޔަ ސީޒަންގައި އޭނާގެ އެސިސްޓެންޓަކަށް ހުރި އަދި މިހާރު ރެއާލްގެ ޒުވާން ޓީމްގެ ކޯޗަކަށް ހުރި ފްރާންސްގް ޒައިނުއްދީން ޒިދާންއަށް ކޯޗްކަން ކޮށްދީފައެވެ. ޒިދާން ޔުވެންޓަސްގައި ހުރެފައި ރެއާލް މެޑްރިޑާ ގުޅުނީ އަންޗޮލޯއްޓީ އެޓީމްގެ ކޯޗްކަން ދޫކޮށްލި ހިސާބުންނެވެ.

ރެއާލްގެ މިހާރުގެ ކޯޗް އަންޗަލޯޓީ ޔުވެންޓަސްއަށް ކޯޗް ކޮށްދިންއިރު އޭރު ޔުވެންޓަސްއަށް ކުޅުނު ރެއާލްގެ ޒުވާން ޓީމް ކޯޗް ޒިދާންއާ އެކު --- ފޮޓޯ/ ފުޓްބޯލް އިޓަލިއާ

އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް މިރޭ ނިކުންނައިރު ޔުވެންޓަސް ނިކުންނަނީ އިޓަލީގެ ފުޓްބޯޅައަށް ތާރީޚީ ކާމިޔާބެއް ހޯދައިދޭށެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގަކީ ފަސް އަހަރު ފަހުން އިޓަލީގެ ޓީމެއް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އިޓަލީގެ ޓީމެއް ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރުކުރީ 2010 ވަނަ އަހަރުއެވެ. އެއީ އިންޓަމިލާންއެވެ. އެފަހަރު އެޓީމުން ވަނީ ފައިނަލަށް ދަތުރުކޮށް ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްފައެވެ.

މިފަހަރު އަންޗަލޯޓީއަށް އޮތީ އޭނާގެ ކުރީގެ ޓީމްގެ ދަނޑުގައި އެޓީމް ބަލިކޮށް ރެއާލް ފައިނަލަށް ގެންދިއުމެވެ.

އަލްވާރޯ މަރޯޓާ

މިރޭގެ މެޗަށް ނިކުންނައިރު ރެއާލްގެ ޑިފެންސަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިކުރަން ހުންނާނެ ކުޅުންތެރިޔަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ ގައުމީ ޓީމްގެ ފޯވަޑް އަލްވާރޯ މަރޯޓާއެވެ.

ރެއާލުން ޔުވެންޓަސްއަށް މަރޯޓާ ވިއްކާލީ ރެއާލްގެ ފުރަތަމަ 11 އިން އޭނާއަށް ދޭނެ ޖާގައެއް ނެތުމުންނެވެ.

މިދިޔަ ސީޒަންގައި ރެއާލްއަށް ކުޅުނު އަލްވަރޯ މަރޯތާ ޔުވެންޓަސްއަށް ބަދަލު ވުމަށްފަހު އެޓީމްގައި ކުޅެނީ --- ފޮޓޯ/ ޔޫރޯ ސްޕޯތްސް

އުމުރުން 22 އަހަރުގެ މަރޯޓާއަށް މިރޭ އޮތް މަސްއޫލިއްތަކީ އޭނާއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިޔެއްކަން ރެއާލްއަށް ސާބިތުކޮށްދީ ރެއާލްގެ ގޯލް ފޫއަޅުވާލައި ޔުވެންޓަސް މޮޅުކޮށްދިނުމެވެ.

ބަފޯން - ކަސިޔަސް

މިރޭގެ މެޗަށް ނިކުންނައިރު ހާދާންކޮށްދެނީ މީގެ 12 އަހަރުކުރިން މިމުބާރާތުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ޔުވެންޓަސް ފައިނަލަށް ދަތުރުކުރި ތާރީޚީ ދަނޑިވަޅެވެ. މިއަދުވެސް އެތާރީޚީ ދެ މެޗްގެ ހަދާންތައް ރަމްޒުކޮށްދޭނެ ދެ ކޫލުންތެރިންނަކީ ދެޓީމްގެވެސް ދެ ގޯލް ކީޕަރުންނެވެ. ޖުވެންޓަސްގެ ކީޕަރު ޖިއާންލުއީޖީ ބަފޯންއާއި ރެއާލް މެޑްރިޑްގެ ކީޕަރު އިކާ ކަސިޔަސްއެވެ.

2003 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ކުޅުނު ދެ ވަނަ ލެގް މެޗުން ރެއާލް ކަޓްވާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ބަފޯންއެވެ. އެމެޗްގައި ރެއާލްއަށް ލިބުނު ޕެނަލްޓީ އެޓީމްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭސް ފޮނުވާލުމުން އެޕެނަލްޓީ ދިފާއުކުރުމަށް ގޯލްގައި ހުރީ ބަފޯންއެވެ.

އަދި ރެއާލް ކޮޅަށް ޔުވެންޓަސްގެ ތިން ލަނޑު ޖަހައި އެޓީމް މުބާރާތުން ކެޓިއިރު ގޯލްގައި ހުރީ ކަސިޔަސްއެވެ.

ކަސިޔަސްއާއި ބަފޯން --- ފޮޓޯ/ މާސާ

މިރޭގެ މެޗަށް ނިކުންނައިރު ބަދަލުނުވާ ހަމައެކަނި ކަމަކީ މިދެ ކުޅުންތެރިންނެވެ. މިރޭގެ މެޗްގައިވެސް ދެޓީމްގެ ގޯލް ބަލަހައްޓާނީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ މި ދެ ކީޕަރުންނެވެ.

ރެއާލް 11 ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށް އަމާޒު ހިފާފައިވާއިރު ކަސިއަސްގެ ޒިންމާ ބޮޑެވެ. މީގެ 12 އަހަރު ކުރިން ރެއާލް ސެމީފައިނަލުން ކަޓުވާލުމުގައި ބަފޯން ދައުރު އަދާ ކުރިއިރު އެމެޗްގެ ބަދަލު ހިފަން ކަސިއަސްއަށް މިވަނީ ފުރުސަތު ލިބިފައެވެ. އެހެންކަމުން އޭނާއަށް އޮތީ މިރޭ ވާދަވެރިޔާ ބަފޯންގެ މައްޗަށް ކާމިޔާބު ހޯދުމެވެ.

ބީބީސީ

ސްޕެއިންގެ ކުޅިވަރު މީޑިއާތަކުން ސިފަކުރާ ގޮތުގައި ދެޓީމްގައިވެސް ބީބީސީ ރަމްޒުކޮށްދެއެވެ.

ބީބީސީއަކީ ކުޅުންތެރިންގެ ނިސްބަތްވާ އަކުރުތަކެވެ.

ރެއާލްގެ ބީބީސީ ޙަރަކާތްތެރިވާނީ އެންމެ ކުރީގައެވެ. ޔުވެންޓަސްގެ ބީބީސީ ހަރަކާތްތެރިވާނީ ރެއާލްގެ ބީބީސީގެ ހަމަލާތައް ހުއްޓުވުމަށެވެ.

މިމެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ރެއާލްގެ ފުލް ބީބީސީ ދަނޑުން ނުފެންނާނެއެވެ. އެއީ ބީބީސީއަށް ނިސްބަތްވާ އެއް ކުޅުންތެރިޔެއް ކަމުގައިވާ ބެންޒަމާއަށް އަނިޔާވެފައިވުމުންވެ.

ދެން ހުރީ ބޭލް އާއި ސީއާރް ސެވަން ނުވަތަ ރޮނާލްޑޯއެވެ.

ޔުވެންޓަސްގެ ބީބީސީއަކީ އެޓީމްގެ މައި ޑިފެންސްގައި އެންމެ މުހިންމު ދައުރެ އާދާކުރަން ހުރި ބައުންޗީއާއި ބަޒާލީ އަދި ޗިއަލިނީއެވެ

ރެއާލްގެ ބީބީސީއާއި ޔުވެންޓަސްގެ ބީބީސީ ރަމްޒުކޮސްދޭ ޕޯސްޓަރެއް --- ފޮތޯ/ މާސާ

ޔުވެންޓަސްގެ ބީބީސީއަށް އޮތީ ރެއާލްގެ ބީބީސީއަށް ނިސްބަތްވާ ދެކުޅުންތެރިންކަމުގައިވާ ބޭލްއާއި ރޮނާލްޑޯ ހުއްޓުވުމެވެ.

މީގެކުރިން މިދެޓީމްގް ކުރިމަތިލުންތަކުގެ ތާރިޚަށް ބަލާއިރު ރެއާލްވަނީ އެއް މެޗްގެ ފަރަގަކާއެކު ޔުވެންޓަސްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

މިރޭ ޔުވެންޓަސް މޮޅުވެއްޖެނަމަ މޮޅުވުމުގެ ރެކޯޑް ހަމަހަމަ ވެގެންދާނެއެވެ.

ޔުވެންޓަސްއާ ރެއާލް މެޑްރިޑް 16 ފަހަރު ބައްދަލުކޮށްފައިވާއިރު ރެއާލް މެޑްރިޑް ވަނީ އަށް މެޗުން މޮޅުވެފައެވެ. ޔުވެންޓަސް މޮޅުވީ ހަތް މެޗުންނެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މި 16 މެޗުގެ ތެރެއިން މޮޅުވުމުގެ ރެކޯޑް ރެއާލް އަތުގައި އޮތް ނަމަވެސް ލަނޑުގެ ރެކޯޑުން މޮޅުވެފައިވަނީ ޔުވެންޓަސްއެވެ. އެގޮތުން އެޓީމް ވަނީ ޖުމުލަ 18 ލަނޑު ރެއާލް ކޮޅަށް ޖަހާފައެވެ. ރެއާލްއިން ޔުވެންޓަސްކޮޅަށް ޖަހާފައިވަނީ 16 ލަނޑެވެ.