ކެފޭއެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިނާއި ގާޒީ އަބްދުލް ބާރީ ޔޫސުފް ތިއްބަވަނިކޮށް އެތަނަށް ދިޔަ ރާއްޖެ ޓީވީގެ ކެމެރާމަން ކުރި ވީޑިއޯ ފޮހެލުމަށް މަޖުބޫރުކުރާ ސަބަބުތަކެއް މެދުވެރިވެފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ބުރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ބުނެފި އެވެ.

ކޮމިޝަނުން ބެލި މައްސަލަ ތަހުގީގުކޮށް ނިންމައި ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ކެފޭއެއްގައި ޕީޖީ މުހުތާޒް އާއި ކްރިމިނަލް ކޯޓުގެ ގާޒީ ބާރީ ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިންގެ ޓީމެއް ގޮސް ނެގި ވީޑިއޯ ފޮހެލުމަށް މަޖުބޫރު ކުރުވާފައިވާ ކަމަށް ބުރޮޑްކާސްޓިން ކޮމިޝަނުން މައުލޫމާތުދެ އެވެ.

"ރާއްޖެޓީވީގެ ކެމެރާމަން އެ ކެފޭއަށް ގޮސް ވީޑިއޯކުރި ކަމާއި އަދި އެ ވީޑިއޯ ފަހުން ފޮހެލުމަށް މަޖުބޫރުކުރާ ސަބަބުތަކެއް މެދުވެރިވެފައިވާކަމަށް ޤަބޫލުކުރެވޭ ކަމާއި،" ބުރޮޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަކަށް އެ ކޮމިޝަނަށް ގަބޫލް ކުރެވޭތީ ޤާނޫނު އަސާސީން ނޫސްވެރީންނަށް ލިބިދީފައިވާ ހައްޤު ބިރުވެރިކަމެއް ނެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ މާހައުލެއް ދެމެހެއްޓުމަށާއި މުޅި މީޑިއާއަށް އެފަދަ ކަންކަން މެދުވެރި ނުވާނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެ ވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އާންމުކޮށް ހުޅުވާލެވިފައިވާ ރެސްޓޯރެންޓެއްގައި ސެލްފީ ނެގޭ އިރު ނޫސްވެރިޔަކު ވަދެ ވީޑިއޯ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެ ފުޓޫޖަކީ ރެސްޓޯރެންޓުގެ ވެރިފަރާތާ ގުޅޭ ފުޓޭޖަކަށް ވުމުން އެ ފުޓޭޖް ފޮހެލާކަށް ނޭނގޭނެ ކަމަށެވެ. އެ ވީޑިއޯތައް ޑިލީޓް ކުރަން އެންގި އިރު އެތަނުގައި ފުލުހުން ތިބެ އެކަން ނުހުއްޓުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް މޮންދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ބުނާ ވީޑިއޯތަކެއް ޑިލީޓް ކުރީ ފުލުހުންގެ ހާޒިރުގައި ނޫން ކަމަށެވެ. އަދި އެ ވީޑިއޯގްރާފަރުން ފުލުސް އޮފީހަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ މީހުންގެ އަތުން ވެސް އެއްވެސް އެފަދަ އެއްޗެއް ޑިލީޓްކޮށް ނައްތާލާފައި ނުވާނެ ކަމަށެވެ.