05 May 2015, 14:21
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މީހުންނަށް ގަނޫނީ ވަކީލަކު ހަމަޖައްސަން އިތުރު ހަތް ދުވަހުގެ ފުރުސަތެއްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ 13 މީހަކު ބުނީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ގާޒީ ސުޖާއު އުސްމާން ވިދާޅުވީ ގާނޫނު އަސާސީގައި ވަނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކޯޓުން ދޭންޖެނޭކަމަށާއި ވަކީލުން ހަމަޖެއްސުމަކީ ދައުވާ ލިބޭ ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަނަމަވެސް ކުރިން ދިން ތިން ދުވަހުގެ ފުރުސަތުގައި ވަކީލަކު ހަމަޖައްސަން ދައުވާ ލިބޭ ފަރާތްތަކުން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެދުވަހަށް ވަކީލަކު ހަމަނުޖެއްސިޔަސް މައްސަލަ ކުރިއަށްގެންދާނެ ކަމަށެވެ.
އެ މައްސަލާގައި މިއަދު ޝަރީއަތަށް ހާޒިރުވި މީހުންނަކީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ އާއި މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅާއި ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރާއި މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު އާއި ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރާއި ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ އާއި މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއި ހ. ޓިވެގާލައިޓް ފަރީޝާ އަހްމަދާއި މ. ތަންތާރަ، އާމިނަތު ޒިމްނާ އާއި ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ އާއި ގ. ދުވާފަރު، އާއިޝަތު މަމްދޫހާގެ އިތުރުން މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދެވެ. ރާއްޖެއިން ބޭރުގައި އުޅޭތީ ޝަރީއަތަށް ހާޒިރުވެފައިނުވާ މީހުންނަކީ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު އާއި މ. ފެހިފަތް ޔުމްނާ އެވެ.
ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން އެއްވެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވާތީ ކަމަށެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.