މި މަހު ފަހުކޮޅު އިނގިރޭސި ޕްރިމިއާލީގްގެ ޓޮޓަންހަމްހޮސްޕާ މެލޭޝިއާ އަށް ކުރާ ދަތުރުގައި މެލޭޝިއާގެ ޓީމާ ދެކޮޅަށް ކުޅޭ މެޗްގައި އެ ގައުމުގެ ޓީމްގައި ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) ހިމަނަން ބޭނުންވާ ކަމަށް މެލޭޝިއާގެ ގައުމީ ޓީމްގެ ކޯޗް ދޮލާހް ސެލާހް ބުނެފި އެވެ.

އެގޮތުން ސެލާހް ވަނީ ދަނގަޑޭގެ އިތުރުން މެލޭޝިއާ ލީގްގައި ކުޅޭ ގައުމުން ބޭރުގެ ފަސް ކުޅުންތެރިޔަކު ހިމެނުމަށް ނިންމާފަ އެވެ.

މެލޭޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ޔޫޓޫ ސަންއާ ހަވާލާދީ ގޯލްޑޮޓްކޮމްގައި ބުނެފައި ވަނީ ދަނގަޑޭ އަށް ޕިޑީއާރްއެމްގައި ކޯޗްކޮށްދިން ސެލާހް ދަނގަޑޭއާ ބެހޭ ގޮތުން ބުނެފައި ވަނީ ދަނގަޑޭ އޭނާގެ ޓީމްގައި ހިމެނުމަށް ބޭނުންވަނީ ދަނގަޑޭއަކީ މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށްވެފައި އޭނާއަކީ މިފަދަ މެޗަކަށް މުހިންމު ކުޅުންތެރިއެއް ކަމުގައިވުމުން ކަމަށެވެ.

ޞެލާހް ވަނީ މެލޭޝިއާ ލީގްގައި ކުޅޭ ގައުމުން ބޭރު ފަސް ކުޅުންތެރިޔަކު މެލޭޝިއާ އިން ޓޮޓަންހަމްއާ ދެކޮޅަށް ނިކުންނަ ޓީމްގައި ހިމެނުމަށް އެދި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ތަންގަކޫ ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހުގެ އަރިހުން ހުއްދައަށް އެދިފަ އެވެ.

ޢަބްދުﷲ ސުލްޠާން ވަނީ ސެލާހްއަށް އެ ހުއްދަ ދެއްވާފަ އެވެ.

މެލޭޝިއާ ލީގްގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކު ޓީމްގައި ހިމެނުމަށް ނިންމީ އެޤައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން ޓޮޓަންހަމްގެ މެޗްގައި ނުކުޅެވޭނެތީ އެވެ.

ދަނގަޑޭ ވަނީ މިދިޔަ ސީޒަންގައި މެލޭޝިއާގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.

އަދި ދަނގަޑޭއަކީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސްހޯދި ކުޅުންތެރިޔާއެވެ.