މާލެ ސިޓީގެ މޭޔަރަކަށް މާފަންނު ހުޅަނގު ދާއިރާއިން ހޮވިވަޑައިގެންނެވި މުހައްމަދު ފަލާހު ހޮވުމަށާއި، ޑެޕިއުޓީ މޭޔަރަކަށް ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު، މައިޒާން އަލިމަނިކު ހޮވުމަށް، މާލެ ސިޓީގެ ދާއިރާތަކުގެ އަޣުލަބިއްޔަތު ލިބިއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ރޭ ވިދާޅުވީ، މިމަހުގެ 5 ވަނަ ދުވަހު އިންތިހާބުކުރި ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހޮވުމަށް އެމްޑީޕީގެ ކައުންސިލަރުން ވޯޓު ދެއްވާނެ ގޮތެއް ނިންމާނީ ދާއިރާގެ މަޖިލިސްތަކުގެ މަޝްވަރާގެ މަތިންކަމަށް ކަނޑައަޅައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުން، އެ މަގާމުތަކަށް ހޮވުމަށް ފެންނަ ނަންތައް ހުށަހެޅުމަށް ދާއިރާތަކަށް ހުޅުވާލި ފުރުސަތުގައި، މާލޭގެ ދާއިރާތަކުގެ ކޯކަސްއިން މާލެ ސިޓީއަށް ކަނޑައަޅާނެ މޭޔަރާއި ޑެޕިއުޓީ މޭޔަރުންގެ ނަން ޕާޓީގެ ސްކްރެޓޭރިއެޓްއަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެގޮތުން ރޭ 12:00 ގައި އެ ފުރުސަތު ހަމަވިއިރު، މާލެ ސިޓީގައި ހިމެނޭ ދާއިރާތަކުގެ އަޣުލަބިއްޔަތު ލިބިފައިވަނީ މޭޔަރުގެ ގޮނޑިއަށް މުހައްމަދު ފަލާހު ހޮވުމަށް ވޯޓު ދެއްވުމަށް ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ޑެޕިއުޓީ މޭޔަރަކަށް ވުމަށް މައިޒާން އަލިމަނިކަށް އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން މާލެ ސިޓީގެ 11 ދާއިރާގެ ތެރެއިން ހަތް ދާއިރާއަކުން ހޮވައިފައި ވަނީ ފަލާހު މޭޔަރަކަށް. އަދި ޑެޕިއުޓީ މޭޔަރަކަށް މައިޒާން އަލި މަނިކު. އެހެންވެ، އަޣުލަބިއްޔަތު މި އޮތީ ލިބިފައި ފަލާހަށް،" ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، އައްޑޫ ސިޓީގެ ދާއިރާތަކުން ވަކި ހުށަހެޅުމަށް ލިބިފައިނުވާތީ، އެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވާނީ ކައުންސިލަރުންގެ މެދުގައި މާދަމާ ނަގައި ސިއްރު ވޯޓުގައި ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލުގައި އެ ތިއްބެވީ ހުސް އެމްޑީޕީގެ މެމްބަރުން. އެބޭފުޅުންނަށް ފްރީ ވިޕެއް އޮންނާނެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހޮވުމަށް،" ޝާހު ވިދާޅުވި އެވެ.

މާލެ ސިޓީގެ އިތުރުން އެހެން އަތޮޅާއި ރަށްރަށުން ވެސް އެ ދާއިރާތައް ހިންގުމަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ކަމަށް އައްޔަންކުރާނެ ބޭފުޅުންގެ ނަންތައް ވެސް ސެކްރެޓޭރިއެޓަށް ފޮނުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވި ގޮތުގައި، އެ ނަންތައް ހުށަހަޅަމުންދަނީ ދާއިރާތަކުގެ ރައީސުންނާއި އެދާއިރާތަކުގެ ހިންގާ ކޮމިޓީތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މި މަހު ފަސް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި، އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އިއްލާންކޮށްފައިވާ، 19 އަތޮޅު ކައުންސިލްގެ ތެރެއިން ހަތަރު އަތޮޅު ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ވަނީ ލިބިފަ އެވެ. އަދި 188 ރަށު ކައުންސިލްގެ ތެރެއިން 63 ރަށު ކައުންސިލެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ބޮޑު ތަފާތަކުން އެމްޑީޕީ ކާމިޔާބުކޮށްފައިވާއިރު އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ ވެސް އެމްޑީޕީންނެވެ.

ހޯމް މިނިސްޓްރީން ބުނީ އަންނަ ހޮނިހިރު ދުވަހު ކައުންސިލަރުން، މަގާމުގެ ހުވައި ކުރުމަށް ފަހު ގަޑިއެއްހާއިރުގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހޮވުމަށް ބާއްވާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.