ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި އެވެ.

ޖޭޕީ ޕާލިމަންޓްރީގެ ގްރޫޕްގެ ނައިބް ލީޑަރު ކަން ކުރައްވާ އަބްދުއް ﷲ ރިޔާޒު އަށް ފުލުހުންގެ އިދާރާ އިން ފޮނުވާފައިވާ އެޗިޓް ގައި ބުނެފައިވަނީ މިރޭ 21:00 އަށް ޝަހީދު ހުސެއިން އާދަމް ބިލިންޑިން އަށް ހާޒިރުވުމަށެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ރިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާއިރު ހާޒިރު ކުރާ ސަބަބަކަށް ބުނެފައިވަނީ ތަހުގީގު ރަމުން ގެންދާ މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށާއި ބަޔާން ނެގުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ރިޔާޒު މިއަދު 'ސަން' އަށް ވިދާޅުވީ ފުުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފާތީ އެގަނޑިއަށް އޭނާ ހާޒިރުވެވަޑައިގެންނަވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ ކޮން މައްސަލައެއްގައި ކަމެއް ހާޒިރުކުރަނީކީ، ހާޒިރުވީމަ އެނގޭނީ ހާޒިރުވާން އެނގި ސަބަބެއް،" ރިޔާޒު ވިދާޅުވި އެވެ.

އިދިފަރާތްތަކުން މޭޑޭގައި ބޭއްވި މުޒާހަރާއަށް ފަހު އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ހައްޔަރުކުރި ފަހުން، ރިޔާޒް ހައްޔަރުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ފުލުހުން އެރޭ ވަނީ އެކަން ދޮގުކޮށްފަ އެވެ.