"އަނިޔާވެރިކަން ނިންމަން" މިނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފިއެވެ.

އަމީންގެ ގާނޫނީ ޓީމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު ހެނދުނު އެވެ.

އަމީންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހާފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.

ފުލުހުން މުއްދަތު މަޖިލީހުގައި ބުނެފައި ވަނީ އަމީން ހުކުރު ދުވަހުގެ ހަވީރު މުޒާހަރާގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބި، މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ.

އަމީންގެ އިތުރުން އެމައްސަލާގައި ހައްޔަރުކުރި އަދާލަތިު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ނައިބު ލީޑަރު އަލީ ވަހީދަށް މުއްދަތުޖެހި މައްސަލަ ވެސް ވަނީ އިސްތިއުނާފުކޮށްފައެވެ.

ހުކުރު ދުވަހުގެ ހަވީރު މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވެފައި ވަނީ އަތޮޅުތަކުން މީހުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު ކުރިއަށްގެންދާ ބޮޑު އެއްވުމަކީ އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް ބޮޑު ޖިހާދެއް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ މޭޑޭގައި އިދިކޮޅު ފަރާތްތަކުން މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމާޒުތައް ހަގީގަތަކަށް ހެދުމަށް ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.