އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެކަމުގައި މަޝްވަރާ ކުރުމަށް ފުލުހުން އެދުމުން އެކަމަށް އެމްޑީޕީން އިޖާބަދީފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށްފަހު މާލޭގައި މިހާރު ބާއްވަމުންދާ އެއްވުމުގެ ނޯޓިސް އެއްވުން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވުންތައް ފުލުހުންނަށް ދީފައިވާ ނޯޓިސްއާ އެއްގޮތަށް ބާއްވަމުން ނުދާ ކަމަށް ފުލުހުން ބުންޏެވެ.

"މިހާރު ބާއްވަމުންދާ އެއްވުންތަކަކީ ޞުލްހަވެރި އެއްވުންތަކަކަށްވެ، އެހެން ރައްޔިތުންގެ ޙައްޤުތައް ހަނި ނުވާ ގޮތަށް އަދި ކިއެއްތަ ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ބުރޫ ނާރާ ގޮތަށް އެއްވުންތައް ބާއްވައި ޞުލްޙަވެރި ޙައްލެއް ހޯދުމަކީ މުހިއްމު ކަމަކަށްވާތީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މޯލްޑިވިއަން ޑިމެކޮރްޓިކް ޕާޓީއަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ފުރުޞަތު ދިން ނަމަވެސް އެފުރުޞަތު ބޭނުންކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ. ފާއިތުވި 3 ދުވަހުވެސް އެޕާޓީ އަށް ފުރުޞަތުދީ ފުލުހުން މި ދަނީ އެޕާޓީއާއެކު މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޚިޔާލު ފާޅު ކުރުމާ ޞުލްޙަވެރި އެއްވުންތައް ބޭއްވުމުގެ ޙައްޤު ސިޔާސީ ފަރާތްތަކަށާއި ޢާއްމު ފަރުދުންނަށް ޤާނޫނުތަކުން ލިބިދީފައިވާއިރު އެފަދަ ޙަރަކާތްތައް ހިންގަން ވާނީ އަސާސީ ޙައްޤުތަކަށް ދަތި ނުވާނެ ގޮތަށް ކަމަށެވެ.

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމުގައި ޢަމަލުކުރާނެ ގޮތްތަކާމެދު ފުލުހުންނާއެކު މަޝްވަރާކުރުމަކީ އެފަދަ އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކަށްވެސް މުހިއްމު ކަމެއް ކަމަށް ފުލުހުން ބުންޏެވެ.