05 May 2015, 11:41
އެއްތިރީސް ރަށެއްގައި އިންޑޯ ސްޕޯޓްސް އެރީނާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީ އިން އެ މަސައްކަތް ބީލަމަށް ލައިފި އެވެ.
ޔޫތު މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ގްރޭޑެއްގެ ފަރާތްތަކަށެވެ. އެއީ ހައުންސިން މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ 2-GC01-1 ، GC01 ގުރޭޑޫގެ ފަރާތްތަކެވެ.
ބީލަމުގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިއަދުން މި މަހުގެ 18ވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އެ މިނިސްޓްރީ އިން ބުނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޓެކްސް ކްލިއަރެންސް ރިޕޯޓް ބީލަމަށް ހުށަހަޅަންޖެހޭ ކަމަށާއި އަދި އެ ލިޔުން ވާންޖެހޭނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށްވުރެ އިތުރު ނޫން ތާރީޚެއްގެ ލިޔުމަކަށް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.
ޔޫތު މިނިސްޓްރީން ހުޅުވާލައިފައިވާ މި ޕްރޮޖެކްޓުގެ ބިޑު ސެކިއުރިޓީއަކަށް 150،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅަން ޖެހެނީ ކޮންޓްރެކްޓު އަގުގެ ފަސް ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައިވާ ގޮތުގެމަތިން 1,300 އާއި 1,999 ދެމެދުގެ އާބާދީ ހިމެނޭ ކޮންމެ ރަށެއްގައި 2015 ވަނަ އަހަރު ސްޕޯޓްސް އެރީނާއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ވަނީ ހިމަނާފައެވެ.
ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 30 ސްޕޯޓްސް އެރީނާ ގާއިމު ކުރާނެ ކަމަށް ޔޫތް މިނިސްޓްރީން އިން ވެސް ވަނީ ބުނެފަ އެވެ.
ސްޕޯޓްސް އެރީނާގެ ތެރޭގައި ހިމެނޭނީ، އިންޑޯ ބަޔަކާއި އައުޓްޑޯ ބައެކެވެ. އެގޮތުން އިންޑޯ ބައިގެ ތެރޭގައި ވޮލީބޯޅަ ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ވަނީ ހިމަނާފަ އެވެ. އަދި ން ބިލިއާޑާއި ޗެސް އަދި ޓޭބަލްޓެނިސް ކުޅެވޭނެ ވަސީލަތްތަކާއި ޖިމްއެއް ހިމެނެ އެވެ.
ޔޫތް މިނިސްޓްރީގެ ބަޖެޓުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާ ގާއިމް ކުރުމަށް 388000 އަކަފޫޓުގެ ބިން ބޭނުންވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.