ރަމަޟާން މަހު ބާއްވަމުން އައި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަށް އަހަރަށްފަހު އަލުން ބާއްވާ ގޮތަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އެންމެ މޮޅު ޑްރާމާ އަކަށް 50،000 ރުފިޔާ އިނާމެއްގެ ގޮތުގައި ލިބޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މި މި ބުރާސްފަތީގެ ނިޔަލަށް ވަނީ ހުޅުވާލަައިފަ އެވެ. އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްއަށް 15،000 ރުފިޔާ އަދި ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސް އަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންސީއޭގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) 'ސަން' އަށް ވިދާޅުވި ގޮތުގައި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިއަހަރު އަލުން ބާއްވަނީ ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށެވެ. އެގޮތުން ކުރިން އެ މުބާރާތުގައި ބައިވެރިވެނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކަށް ކަމުގައި ވީނަމަވެސް މިއަހަރު އަމިއްލަ އޮފީސްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އޮފީސް ތަކުގެ ޑްރާމާ މުބާރާތް އަލުން ބޭއްވުމަށް ނިންމީ ފިލްމީ ދާއިރާ އަށް އާ މޫނު ތަކެއް ގެނެސްދީ. ފިލްމީ ދާއިރާ އަށް އާ ދިރުމެއް ގެނައުމަށް، އޮފީސްތަކުން ޑްރާމާތަކުގައި ބައިވެރިކުރެވޭނީ އެ އޮފީހެއްގެ މުވައްޒަފުން އެކަނި، އެހެން ނަމަވެސް ކުރިން ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފައިވާ ތަރިންނާއި ނުވަތަ މިހާރު ވެސް އެ ދާއިރާގައި އުޅޭ ތަރިން ވެސް ބައިވެރިކުރެވިދާނެ، ނަމަވެސް އެމީހުން ވަނަ ދިނުމުގައި ކައުންޓެއް ނުކުރެވޭނެ،" މުއާޒު ވިދާޅުވި އެވެ.

މި މުބާރާތުގައި ބައިވެރިކުރާ ޑްރާމާތަކުގެ ތެރެއިން އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަދި އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު އަދި އެކްޓަރެސްގެ އިތުރުން ޑްރާމާ ހޮވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ. ނަމަވެސް ޓެކްނިކަލް ބައިތަކަކަށް ޖަޖް ކުރުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ ޓީވީއެމުން 1994 ވަނަ އަހަރުން ފެށިގެން 2006 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އޭރު ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އޮފީސްތަކުން ވަރަށް ރީތި ޑްރާމާތަކެއް ގެނެސްދީފައިވެ އެވެ. އަދި މިހާރު ވެސް ދިވެހި ފިލްމީ ދާއިރާގަައި ހަރަކާތްތެރިވާ ބައެއް ފަންނާނުންނަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެ ދާއިރާއަށް ނުކުމެފައިވާ ތިބި މީހުންނެވެ.