ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކޮށް ކުލަ އާއި ދަވާދުލައިދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 އަށް އެ މިނިސްޓްރީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންނަ ހޯމަަ ދުވަހުގެ މެންދުރުފަހު 2:30 އަށް އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އިއުލާނުގައި އަދި ބުނެފައި ވަނީ މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ.

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން އިއުލާނުކޮށްފައިވާއިރު މިދިޔަ މަސް ތެރޭގައި މާލޭގެ ހަތަރު މިސްކިތެއް ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ވެސް ވަނީ މަރާމާތު ކޮށްދީފައި އެވެ.

އެގޮތުން ހުކުރު މިސްކިތަށް ވެލި ލުމާއި މިސްކިތުގެ ފޮތިތައް ބަދަލުކޮށްފައިވާއިރު ޝަހީދު އަލީ މިސްކިތުގެ ކުލަ އާކޮށް ހަލާކުވެފައި ހުރި ފާހާނާތަކުގެ ދޮރުތައް ބަދަލުކޮށްފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތުދެ އެވެ. މީގެ އިތުރުން ކަޅުހުރާ މިސްކިތުގެ ފާހާނާ މަރާމާތުކޮށް ދޮރު ބަދަލުކޮށްފައިވާއިރު ޒިކުރާ މިސްކިތުގެ ސީލިންގު ރަނގަޅުކޮށް ކުލަލައި ހަދާފައިވާ ކަމަށް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެ އެވެ.

އެ ޖަމިއްޔާއިން ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް ފާހަގަކޮށް ކަންބޮޑުވުންފާޅު ކުރައްވާފައި އެވެ.