05 May 2015, 09:55
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ނިއުރޭޑިއަންޓް ޓީސީއާ ދެކޮޅަށް ނިކުންނައިރު ސަސްޕެންޝަނުގެ ސަބަބުން ނިއުގެ ފަހަތުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މުޙައްމަދު ރަޝީދު (ހޮކޭ) އާއި ރިލްވާން ވަހީދު (ރިލޭ) އަށް ނުކުޅެވުމަކީ ނިއުރޭޑިއަންޓަށް އޮތް އެސްކިއުޒެއް ނޫންކަމަށް އެޓީމްގެ ވަގުތީ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ) ބުނެފިއެވެ.
ސަންއަށް ދިން އިންޓަވިއުއެއްގައި ސޮބާ ބުނީ ނިއުރޭޑިއަންޓަކީ ލީގަށް ވާދަކުރުމަށް ސީޒަނަށް ތައްޔާރުވި ޓީމެއް ކަމަށާއި އެހެންކަމުން ޓީސީގެ މެޗަށް ނިކުންނައިރު ޓީމްގެ މުހިންމު ދެ ކުޅުންތެރިޔަކަށް ނުކުޅެވުމަކީ ނިއުއަށް އޮތް އެސްކިއުޒެއް ނޫންކަމަށެވެ.
"ނިއުރޭޑިއަންޓް ސީޒަނަށް ތައްޔާރުވީ ލީގް ޗެމްޕިއަންކަމަށް ވާދާ ކުރުމަށް. އެހެންވެ އެއްވެސް މެޗަކުން އެއްވަރުކޮށްލައިގެން ނިންމާލާކަށް ނިއުއެއް ނުނިކުންނާނެ. ހޮކޭއާ ރިލޭ އަށް ނުޅެވުމަކީ އެކަމަށް އޮތް އެސްކިއުޒެއް ނޫން،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ހޮކޭ އާއި ރިލޭ ނެތަސް ޓީމްގެ ކުޅުމުގެ ސްޓައިލަށް ބަދަލެއް ނުގެންނާނެ ކަމަށާއި ގޭމް ޕްލޭން އެކުލަވާލައިފައިވާނީ އެޓޭކިންގ ފުޓްބޯޅައަކަށް ކަމަށެވެ.
ސަސްޕެންޝަންގެ ސަބަބުން ހޮކޭއަށް ނުކުޅެވޭތީ އެކަން އެޑްވާންޓޭޖަކަށް ވާނެތޯ ސުވާލު ކުރުމުން މިއަދުގެ މެޗްގައި ނިއުއާ ދެކޮޅަށް ނިކުންނަ ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ ޓީމަށް ޢާންމުކޮށް ކުޅެމުން އަންނަ ކުޅުންތެރިޔެއް ޓީމުގައި ނުހިމެނުން އިދިކޮޅު ޓީމަށް ޑިސްއެޑްވާންޓޭޖަކަށްވެސް ވެދާނެ ކަމަށެވެ. ސަބަބަކީ އަލަށް ނިކުންނަ ކުޅުންތެރިޔާގެ މަސައްކަތްވެސް ތަފާތު ވެދާނެތީ ކަމަށް އޭނާ ބުންޏެވެ.
ހޮކޭއަކީ ތަޖުރިބާކާރު ކުޅުންތެރިޔެއް ކަމަށާއި އޭނާގެ ބަދަލުގައި އެފެންވަރުގެ ތަޖުރިބާ ހުރި އެހެން ކުޅުންތެރިޔެއް ނިއުގެ މިހާރު އޮތް ސްކޮޑުން ނުނެރެވުމަކީ އެޓީމަށް ހީނަރުކަން އަންނާނެ ކަމެއް ކަމަށް ވެސް ނިޒާމް ބުންޏެވެ.
ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް: ހޮކޭގެ ބަދަލުގައި އެފެންވަރުގެ ތަޖުރިބާ ހުރި އެހެން ކުޅުންތެރިޔެއް ނިއުގެ މިހާރު އޮތް ސްކޮޑުން ނުނެރެވުމަކީ އެޓީމަށް ހީނަރުކަން އަންނާނެ ކަމެއްކަމަށް ނިޒާމް ބުނޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ހޮކޭއަށް ސަސްޕެންޝަނެއް ކުރިމަތިވީ ޖެނުއަރީ މަހު ބޭއްވި ޕިޕަލްސް ކަޕްގައި ނިއުރޭޑިއަންޓާ ސިނގަޕޫރުގެ ލަޔަންސް ބައްދަލު ކުރި މެޗްގައި ލަޔަންސްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމީޓީއިން އޭނާ ހަމެޗަށް ސަސްޕެންޑް ކުރުމުންނެވެ.
ރިލޭއަށް މިއަދުގެ މެޗްގައި ނުކުޅެވެނީ ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗްގައި އޭނާއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.