26 Feb 2011, 00:36
ދެހާސް އެގާރަ ވަނަ އަހަރުގެ ފެބުރުއަރީން ފަސްވަނަ ދުވަހު ތާރީހީ ބޮޑު އިންތިހާބުގެ ވޯޓުގެ ތެރެއަށް މުޅި ގައުމު ގެނބިފައި އޮތް އިރު މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގޭ އާމިނަތު ފާއިޒާ އިންނެވީ ވެސް ތާރީހީ މަސައްކަތެއްގެ ތެރެއަށް ގެނބިވަޑައިގެންނެވެ. އެ ދުވަސް ވެގެން ދިޔައީ ދިވެހި ތާރީހުގައި މި ޝަހުސިއްޔަތުގެ އެންމެ ފަހު މަސައްކަތް ފުރިހަމަ ކުރެއްވެވި ދުވަހަށެވެ. އެއީ އިސްކަންދަރު ސްކޫލްގެ "ގޯލްޑަން ޖުބުލީ" ލަވައިގެ ޅެމާއި ރާގު ފައިޒާ އުފައްދައި ނިންމެވި ދުވަހެވެ. އޭގެ 19 ދުވަސް ފަހުން އިއްޔެ ފާއިޒާ ވަނީ އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެފަ އެވެ.
ފަހަކަށް އައިސް ފައިޒާއަށް ދެ ފަހަރެއްގެ މަތިން މައިނާ ދެ ސްޓްރޯކެއް ޖެހުނެވެ. އެދެ ފަހަރުވެސް ފައިޒާގެ ހަނދާންތަކަށް އުނި ކަން ލިބުނެވެ. ނަމަވެސް މިދިއަ ބުދަ ދުވަހު ސްޓްރޯކެއް ޖެހި އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވީ، ހަނދާންތައް މުޅިން ރިކަވާވެ ކުރިން ވެސް މަސައްކަތް ޕުޅު ކުރެއްވި ގޮތަށް ޅެންވެރި ކަމާއި ލިޔުންތެރި ކަމުގެ މަސައްކަތްތަކާއި އެކަމަނާ ފައްޓަވާފައިވާ، މުހައްމަދު އަމީންގެ ހަޔާތްޕުޅު ދިރާސާ ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށެވެ. ކުރިޔާ ހިލާފަށް ފަހުން މަސައްކަތްޕުޅު ކުރައްވާފައި ވަނީ އަމިއްލަފުޅަށް ކޮމްޕިއުޓަރު ވެސް ބޭނުން ކުރައްވައިގެންނެވެ. އޭގެ ފަހުން އިއްޔެ ފާއިޒާ އަވަހާރަވީ ތިން ވަނަ ސްޓްރޯކާ އެކު ހަނދާންތައް އެއްކޮށްފިލައި ސީރިއަސް ހާލަތުގައި އޮންނަވަ އެވެ.
"މުޅިން ވެސް ވިދާޅުވީ ދެން ހަދާނި ކިހިނެއް ހެއްޔޭ؟ ދޭތެރެއަކުން ވިދާޅުވޭ ދެން ހަދާނީ ކިހިނެއް ހެއްޔޭ؟" ފައިޒާގެ ތިން ބޭފުޅުންގެ ތެރެއިން އެންމެ ހަގު ދަރިކަލުން މުހައްމަދު ހިލްމީ ވިދާޅުވި އެވެ.
ދެން ހަދާނީ ކިނެއް ހެއްޔެވެ؟ ފާއިޒާ އަހަވާރަވީ އެވެ. ދިވެހި ޅެންވެރިކަމަށް މީރުވަސް ފަތުރަމުން އައި ޑޭޒީމާ ގެއްލުނީ އެވެ. ދެން ހެދޭނެ ގޮތަކީ އެހަނދާތައް އާކުރުމެވެ.
ޑޭޒީމާގޭ ފައިޒާ
ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ސެޕްޓެމްބަރު 30، 1924 ގައި ގ. ބޮޑުފެންވަޅުގޭގަ އެވެ. ބައްޕައަކީ ޔޫސުފް މޫސާ، ބެރުގޭ ޔޫސުފް ފުޅު އެވެ. ފާއިޒާގެ މަންމައަކީ މަރިޔަމް މޫސާ، ބޮޑުފެންވަޅުގޭ ދޮންދީދީ އެވެ. ފައިޒާއަށް ތިން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެއީ ކުރެހުންތެރިޔާ އަހުމަދު އައްބާސް އާއި މަޝްހޫރު ޅެންވެރިޔާ އާމިނަތު އައްބާސް އާއި ތަފާތު އެތައް ފަންނެއްގައި މަޝްހޫރުކަން ހޯއްދެވި މުހައްމަދު ހިލްމީ އެވެ.
ފާއިޒާގެ ޝަހުސިއްޔަތު
ޑޭޒީމާގޭ ފާއިޒާ އެންމެ ރަނގަޅަށް ދަންނަ މީހުން މިހާރު ވަރަށް މަދުވާނެ އެވެ. ހަމައެކެނި އަޑު އަހާނީ "ޑޭޒީ މަލެ"އްގެ ވާހަކަ އެވެ. އެހެން ނަމަވެސް މަޝްހޫރު އަދި ކުޅަދާނަ ޅެންވެރިޔާއަކީ ވަރަށް ސާދާ، އެހާމެ ސަމާސާ، ސޯޝަލް ބޭފުޅެކެވެ. ވަރަށް ގިނަ ފަންނުތަކުގެ ހުނަރުވެރިއެކެވެ. އެކިފަންނުތަކުގެ މަސައްކަތް ކުރައްވައިގެން އާމްދަނީ ހޯއްދެވި ބޭފުޅެކެވެ.
ދިވެހި ބަހާއި ޅެންވެރިކަމާއި ލަވަޔާއި ރައިވަރާއި ވާހަކަ ލިޔުއްވުމާއި ތާރީހީ ރިސާޗުތައް ހެއްދެވުމަކީ ފާއިޒާގެ އެންމެ މަތީ ފަންނުތަކެވެ. ކަސަބު ބޯވަޅު ގެތުމާއި އެޅުން، ރޮދިގަނޑު ގެތުން، އަންހެން، ފިރިހެން ރުމާ އޮޅުން، މާޖެހުން، ކޯޓް ފަޓުލޫނު ގަމީސް، ފާސްކުރި ހެދުން ފެހުން، ތަފާތު ވައްތަރުގެ ދަބަސް ހެއްދެވުން އަދި އަތްތެރިމަސައްކަތް ކުދިންނަށް ދަސްކޮއްދެއްވުމަކީ އޭނާ އަވަހާރަވުމާ ހަމައަށް ވެސް ކުރެއްވެވި މަސައްކަތްތަކެވެ. އޭގެ ތެރެއިން އެންމެ ހާއްސަ މަސައްކަތަކީ ދަބަސް ހެއްދެވުމެވެ. މީގެ އިތުރުން ބަގީޗާ ހެއްދެވުމާއި ފަތްކެޔޮ ހެއްދުމަކީ ވެސް ކުރައްވާ މަސައްކަތެކެވެ.
ބުރަކަށި ކަހައިލާނެ އާލާތެއް މިހާރު ބާޒާރުން ފަސޭހަ ކަމާއެކު ލިބިދާނެ އެވެ. ނަމަވެސް މީގެ އެތައް އަހަރެއް ފަހަތަށް ދާއިރު އެކަލަ އެއްޗެއް ނުލިބޭނެ އެވެ. އެދުވަސްވަރު މައުރަޒުގައި ބައިވެރިކޮށް ވަރަށް ގިނަ ދިވެހިންގެ "ގުނަވަނަކަށް" ހަދައިދިން ބުރަކަށި ކަހާ "ފަހި އަތް" އުފެއްދީ ފާއިޒާ އެވެ. އެ ހާއްސަ އާލާތަށް "ފަހި އަތް" ކިޔުއްވީވެސް ފައިޒާ އެވެ.
މީގެއިތުރުން އެކިދުވަސްވަރު އާމްދަނީ ހޯއްދެވުމަށް ހެދިކާ ހެއްދެވި އެވެ. އަވަހާރަވި އިރު އެންމެ ބޮޑަށް ސަމާލު ކަން ދެއްވި އެއް ކަމަކީ ޅެންވެރިކަމުގެ ދާއިރާއިން ކިޔަވާކުދިންނަށް މައުލޫމާތު ދެއްވުމާއި ފޮތް ލިޔުއްވުމެވެ. ވަރަށް ގިނަ ޅެން ފޮތްތަކާއި ވާހަކަ އާއި ތާރީހު ފޮތްތައް ވަނީ ލިޔުއްވާފަ އެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ފޮތެއް ވެސް ލިޔުއްވެވި އެވެ.
ފާއިޒާގެ ޅެންވެރިން
ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމަލުގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި ފާއިޒާއަކީ، ރައީސް މުޙަންމަދު އަމީންދީދީ އުފެއްދެވި ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ތެރެއިން ފޮޅުނު މަލެކެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ޅެންވެރިންގެ ތެރެއިން ކުރީ ސަފުގައި ފާއިޒާ ހިމެނިވަޑައިގަންނަވަ އެވެ. އޭނާގެ ޅެންވެރިކަން ފެށުނީ އުމުރުން 16 އަހަރުގަ އެވެ.
ދީނީ ޅެމާއި، ޤައުމީ ޅެމާއި ނަސޭހަތާއި މުނާސަބު ޅެންތައް ހެއްދެވި ނަމަވެސް ޅެންވެރިކަމުގައި ފާއިޒާގެ އެންމެ ހާއްސަ ބީޓަކީ ޢިޝްގީ ޅެމެވެ. ފާއިޒާ ހައްދަވާފައިވާ ލަވަތައް ދިވެހި ބައެއް ފިލްމުތަކުގަޔާއި ބައެއް ލަވަ އަލްބަމްތަކުގައި ވެސް ވަނީ ހިމެނެ އެވެ. ޅެންވެރިކަމުގެ އިތުރުން، ތަފާތު މަޒުމޫނުތަކާއި، އަދަބީ އެތައް ލިޔުއްވުންތަކެއްވެސް އޭނާވަނީ ލިޔުއްވާފައެވެ. ފާއިޒާއަށް ޅެންވެރި ކަމުގެ ރޮނގުން 1980 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 1996 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތެވެ.
ގައުމީ ހިދުމަތް
ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ، މުތަގައްދިމް ޕާޓީ ނުވަތަ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީގެ (ޕީޕީޕީ) އިސްތިޝާރީ ކޮމިޓީ، ކޮންސަލްޓޭޓިވް ކޮމެޓީގެ މެންބަރު ކަމުގެ މަގާމު ފާއިޒާ ފުރުއްވެވި އެވެ. އޭގެ ފަހުން ސަރުކާރަށް 27 އަހަރު ހިދުމަތްތައް ކުރެއްވެވި އެވެ. މަދަރުސަތުލް ސަނިއްޔާގެ ނާޒިރާގެ ނައިބުކަމާއި، ސަނިއްޔާގެ މުދައްރިސްކަން ކުރައްވެވި އެވެ. އެންމެ ދިގު ޚިދްމަތްތައް ކުރައްވާފައި ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައެވެ. އެ މަރުކަޒުގެ އެހީތެރިޔާ ކަމުގެ މަގާމާއި، އިސް އެހީތެރިޔާކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެ އެވެ.
އަމީނިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، 1994 ވަނަ އަހަރު ޚިދުމަތުގެ ތަރިއާއި ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި 50 ބޭފުޅުންގެ ތެރޭ ވެސް ފާއިޒާ ހިމެނިވަޑައިގަންނަވަ އެވެ ގައުމީ ކަންކަމަށް ހާއްސަ ކަމެއް ދެއްވި ފާއިޒާއަކީ، ރާއްޖޭގައި "ނަންބަރު ހެދުން" ނުވަތަ "ފާސްކުރި ހެދުން" ތައްޔާރުކޮށް ފާސްކުރި ކޮމިޓީ، މެންބަރެކެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކިޔަވާކުދިންގެ ކެއުންބުއިން ހަމަޖައްސަވާފައިވަނީ މާލޭގެ އެކި ގޭގެއަށް ބަހާލައިގެނެވެ. އެގޮތުން ފާއިޒާގެ ގ. ޑޭޒީމާގެއަކީ މިކަމަށް ހަމަޖެހުނު އެއް ގެއެވެ. އޭގެ ފަހުން ވެސް ފާއިޒާގެ ބެލެނިވެރިކަމުގެ ދަށުގައި ޑޭޒީމާގޭގައި ރަށްރަށުގެ އެތަކެއް ކުދިން ކިޔަވަން ބައިތިއްބަވާ އެކުދިން ތަރުބިއްޔަތު ކޮއްދެއްވާފައިވެ އެވެ.
ކުޅިވަރުގެ ކުޅުއްވުން
ފާއިޒާއާ ބެހޭ ގޮތުން މިއީވެސް މީހުންނަށް ނޭނގޭ ކަމަކަށް ވުން ވަރަށް ގާތެވެ؛ އެހެންނަމަވެސް ފާއިޒާގެ ކުޅިވަރުގެ ޙަޔާތްޕުޅެއް ވެސް އޮތެވެ. އޭނާ ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި ޓީޓީ، ޓެނިސް، ބެޑްމިންޓަން އަދި ރާޒުވާގެ މުބާރާތްތައް ހިމެނެ އެވެ. އެ ގޮތުން 1980 ވަނަ އަހަރު ރާއްޖޭގެ ކްލަބްތަކުގެތެރޭން ބެޑްމިންޓަނަށް އެންމެ ފާހަގަ ކޮއްލެވޭ ލަޔަންސް ސްޕޯޓްސް ކްލަބްގެ އަންހެންޓީމުގެ ކެޕްޓަނަކީ ފާއިޒާ އެވެ.