05 May 2015, 09:37
ނިޔުޔޯކް (މޭ 5) : ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށްޓަކައި ޔަމަންގެ އެއާޕޯޓްތަކަށާއި ކަނޑުގެ ބަނދަރުތަކަށް ޙަމަލާތައް ދިނުން ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށާއި އެ ގައުމު އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ގައުމުތަކަށް އދ. ން ގޮވާލައިފި އެވެ.
އދ. ގެ މަސްއޫލުވެރިއަކު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް އެ އޮޕަރޭޝަންގެ ބޮޑުބައި ހިންގާނީ ވައިގެ މަގުންކަމުގަ އެވެ.
"އެތަށް ހާސް ޓަނެއްގެ ކާބޯތަކެއްޗާއި ބޭހާއި ފޭލިގެފަދަ އިންސާނީ އެހީގެ ތަކެތި ޔަމަނަށް ފޮނުވަނީ ވައިގެ މަގުން އަވަށްޓެރި ޖިބޫތީ މެދުވެރިކޮށް، މި ކަމަށްޓަކައި ޖިބޫތީ އާއި ޔަމަނާދެމެދު ވައިގެ ވަގުތީ ބްރިޖެއް އެޅިގެންދާނެ،" އދ.ގެ އިންސާނީ އެހީގެ އޮޕަރޭޝަންތަކުގެ ވިލަރެސްވެރިޔާ ޔުހާންސް ވާން ޑި ކްލާވް ވިދާޅުވި އެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް އުފައްދާދައިވާ ކޯލިޝަނުން ވައިގެ މަގުން ޔަމަނަށް ދޭ ޙަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި ޔަމަންގެ އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކާއި މަދަނީ އިންފްރާސްޓްރަކްޗާގެ ވަސީލަތްތައް ވެސް ހިމެނެއެވެ. މިދިޔަ ހަފްތާގައި ސައޫދީ މަތިންދާ ބޯޓުތަކުން ވަނީ އިންސާނީ އެހީގެ ތަކެތި ހިފައިގެން ޔަމަނަށްދިޔަ އީރާނުގެ މަދަނީ މަތިންދާބޯޓެއް ސަންއާ އެއާޕޯޓްގައި ޖެއްސުން މަނާ ކުރުމަށްޓަކައި ސަންއާ އެއަރޕޯޓްގެ ރަންވޭއަށް ބޮންއަޅާފަ އެވެ.
އދ. ގެ އިންސާނީ އެހީގެ އޮޕަރޭޝަންތަކުގެ ވިލަރެސްވެރިޔާ ޔުހާންސް ވާން ޑި ކްލާވް ހާމަކުރެއްވި ގޮތުގައި ޔަމަންގެ އެންމެ ބޮޑު އެއަރޕޯޓްކަމަށްވާ ސަންއާ އެއަރޕޯޓްގެ ރަންވޭގެ ބޮޑުބައެއް ކޯލިޝަންގެ ޙަމަލާތަކުގެ ސަބަބުން ވަނީ ހަލާކުވެފައެވެ.
ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަން ވައިގެ މަގުން ފެށޭނީ ސަންއާ އެއަރޕޯޓްގެ ރަންވޭ މަރާމާތުކޮށްގެން ކަމަށާ މިއޮޕަރޭޝަންގައި ޔަމަންގެ އެހެން އެއަރޕޯޓްތަކާ އަދި ކަނޑުގެ ބަނދަރުތައް ވެސް ބޭނުން ކުރަންޖެހޭނެ ކަމަށް ޑިކްލާވް ވިދާޅުވި އެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ގައުމުތަކުން ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމުގެ ސަބަބުން ޔަމަންގެ ދާޚިލީ ހަނގުރާމަ އިތުރަށް ވަރުގަދަވެ އެގައުމުގެ އެތަށް މިލިޔަން ބަޔަކު ޙާލުގައިޖެހި އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތިވެފައެވެ.
އދ. ން ލަފާކުރާގޮތުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވެފައިވާ 12 މިލިޔަން މީހުން ޔަމަންގައި އެބަތިއްބެވެ. މީގެތެރެއިން ދެ މިލިޔަނެއްހާ މީހުން ތިބީ ހައިހޫނު ކަމާއި ބަލިމަޑުކަމުގެ ޙާލަތުގައި ކަމަށާ އެހެން ކަމުން އިންސާނި އެހީގެ އޮޕަރޭޝަން ލަސްކުރެވެން ނެތްކަމަށް އދ. ން ބުނެއެވެ. (ރޮއިޓާސް)