05 May 2015, 09:27
ވޮޝިންޓަން (މޭ 5): ދެހާސް ސޯޅަ ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން، އެމެރިކާގެ އިތުރު އަންހެންބޭފުޅަކު އިޢްލާން ކުރައްވައިފި އެވެ.
އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެވްލެޓް ޕެކާޑް (އެޗް.ޕީ) ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކާލީ ފިޔުރީނާ ވިދާޅުވީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި މިކަން އިޢްލާން ކުރުމަށް ޓަކައި ސަޕޯޓަރުންނާއެކު ވަރަށް އަވަހަށް ޖަލްސާއެއް ބާއްވާނެ ކަމުގަ އެވެ.
އެމެރިކާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކާލީ ފިޔުރީނާ ވިދާޅުވީ އޭނާ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން ބޭނުންފުޅުވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓް ގައި ކަމުގައެވެ. އެހެންކަމުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވުމަށް ޓަކައި އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވެސް ފިއުރީނާ ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ފިޔުރީނާ ކުރިމަތިލައްވާނެކަން އިޢްލާން ކުރައްވާފައިވާއިރު އެހެން އަންހެން ބޭފުޅެއް ކަމަށްވާ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރާ އަދި ކުރީގެ ރައީސް ބިލްކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން އެމެރިކާގެ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެކަން މިދިޔަ މާޗްމަހު ރަސްމީކޮށް އިޢްލާން ކުރައްވާފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑެންސީ ހޯދުމަށް ޓަކައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހިލަރީ ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
ހިލަރީ އަކީ ދެހާސް ހަތް ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައިގެން ނާކާމިޔާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. (ބީބިސީ)