05 May 2015, 09:13
މަތީގައިވާ ފޮޓޯއަށް ނިކަން ރަނގަޅަށް ބައްލަވާށެވެ. ތިޔަ ހީކުރެއްވީ ރަނގަޅަށެވެ. މި ފޮޓޯއިން ފެންނަނީ ލޯތްބާއި ކުލުނެވެ. އަޅައިލުމާއި އެހީތެރިކަމެވެ. މިފޮޓޯއަކީ ނޭޕާލަށް އައި ބިންހެލުމުގެ ހާދިސާއާއި ގުޅިގެން އެންމެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝެއާ ކުރި ފޮޓޯ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބީބީސީ ބުނެއެވެ.
" ހަތަރު އަހަރުގެ ބޭބެ ދެއަހަރުގެ އަންހެން ކޮއްކޮއަކު ސަލާމަތް ކުރަނީ" ކަމަށް މި ފޮޓޯގެ ތަފްސީލްގައި ވަރަށް ގިނަ ފަރާތްތަކުން ލިޔެފައިވެއެވެ. ނޭޕާލަށް ބިންހެލުން އައި ސަރަހައްދުތަކުން މި ދެކުދިން ފެނޭތޯ ވަނީ ވަރަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ނުފެނުނެވެ. ސަބަބަކީ ތޯއެވެ.
މި ފޮޓޯ ފެންނަނީ ނޭޕާލެއް ނޫނެވެ. މިއީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ވިއެޓްނާމުގައި ނަގާފައިވާ ފޮޓޯއެކެވެ. މިފޮޓޯ ނަގާފައި ވަނީ ވިއެޓްނާމުގެ ފޮޓޯގްރާފަރެއް ކަމަށްވާ ނަސަން ގުޔެންއެވެ.
" އަހަރެން މި ފޮޓޯ ނެގީ އޮކްޓޫބަރު 2007ގައި. ހަގިއާން ޕްރޮވިންސްގެ ވިލެޖަކުން" ބީބީސީއަށް ދިން އިންޓަވިއުއެއްގައި ނަސަން ބުންޏެވެ.
ނަސަން ބުނީ އެ ވިލެޖުގައި އޭނާ ހިނގާފައި ދަނިކޮށް ކުޅެންތިބި ދެ ކުދިން ފެނުނު ކަމަށެވެ. އޭރު އެމީހުންގެ މައިންބަފައިން ވީ ދަނޑަށް ގޮހެވެ.
" ނުދަންނަ މީހަކު ފެނުމުން ގާތްގަނޑަކަށް ދެއަހަރުގެ އެ ކުޑަ އަންހެންކުއްޖާ ރޯން ފެށި. ދެން ގާތްގަނޑަކަށް ތިން އަހަރުގެ އެ ފިރިހެން ކުއްޖާ އޭނާގެ ކޮއްކޮ މަސަލަސް ކުރުމުގެ ގޮތުން ކޮއްކޮގައިގައި ބައްދާލި،" ނަސަން ކިޔައިދިނެވެ.
" އެއީ ވަރަށް އަސަރު ގަދަ އެހާމެ ހިތްގައިމު މަންޒަރެއް. އެހެންވެ އަހަރެން އަވަހަށް ފޮޓޯ ނެގީ."
ނަސަން އޭނާގެ އަމިއްލަ ބްލޮގްގައި މި ފޮޓޯ ޕަބްލިޝް ކުރިއެވެ. އެހެންނަމަވެސް އޭނާއަށް ފެނުނީ މީގެ ތިން އަހަރު ކުރިން " ޔަތީމުވެފައިވާ ކުދިން" ކަމަށް ބުނެ ވިއެޓްނާމުގައި ފޭސްބުކު ބޭނުންކުރާ ފަރާތްތަކުން މި ފޮޓޯ ޝެއާކުރިތަނެވެ. ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ވެސް ލިޔުނު ކަމަށް ނަސަން ބުންޏެވެ. އޭގެ ތެރޭގައި " މިކުދިންގެ މަންމަ ވަނީ މަރުވެފައި. ބައްޕަ އެ މީހުން އެކަނިކޮށްފައި ދިޔައީ،" މިކަހަލަ ވާހަކަތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
މި ފޮޓޯގެ ވާހަކަ މި ހިސާބުން ނިމުނީކީ ނޫނެވެ. އޭގެ ފަހުން ހަމަ މި ފޮޓޯއަށް އަމާޒުކޮށް 'ބަރުމާގެ ޔަތީމުން" އަދި ސީރިއާގެ އަހުލީ ހަނގުރާމައިގައި ގެއްލުންލިބުނު ކުދީން ކަމަށް ވެސް ބުނެ މި ފޮޓޯ ބޭނުންކުރަމުން ދިޔައެވެ.
ހަގީގަތާ ޚިލާފު މިވާހަކަތައް ހާމަކުރުމަށާއި މި ފޮޓޯގެ ކޮޕީރައިޓް ހޯދުމަށް ނަސަން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. އޭނާ ބުނީ މި ފޮޓޯއަކީ އޭނާ ނެގި ފޮޓޯތަކުގެ ތެރެއިން އެންމެ ގިނައިން މީހުން ހިއްސާކުރި ފޮޓޯ ކަމަށެވެ.
" އެހެންނަމަވެސް ފޮޓޯ ބޭނުންކޮށްފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް،" ނަސަން ބުންޏެވެ. މި ފޮޓޯގެ ހަގީގަތް އޮޅުވައިލެވުނެވެ. އެހެންނަމަވެސް މިފޮޓޯއިން ކުރި އަސަރަކީ އަދި ގެނުވި އިހްސާސަކީ ހަގީގަތެވެ. އެއީ ލޯތްބާއި ކުލުނާއި އަޅައިލުމާއި އެހީތެރިކަމެވެ.