05 May 2015, 09:20
އެރޭބިއަން ޓްރެވަލް މާކެޓް 2015 ގައި ރާއްޖެ ބައިވެރިވެއްޖެ އެވެ.
ދުބާއީގައި އިއްޔެ ފެށި ފެއާގައި ރާއްޖޭގެ 47 ކުންފުންޏަކުން 92 ފަރާތުން ބައިވެރިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެ އެވެ. މިއީ މެދުއިރުމަތީގެ ގައުމުތަކުގެ ފަތުރުވެރިންނަށް ތަފާތު މަންޒިލްތައް ޕްރޮމޯޓް ކުރުމަށް ބާއްވާ އެންމެ ބޮޑު ފެއާ އެވެ. އެ ފެއާގައި މެދުއިރުމަތީގެ ޚާއްސަކޮށް ފެއާ ބާއްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މީޑިއާ އަށް ރާއްޖޭގެ ފަތުރުވެރި ކަމަށް އަންނަ ބަދަލާއި ބެހޭގޮތުން މައުލޫމާތު ދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
މި ފެއާގައި ރާއްޖޭން ބައިވެރިވާ ވަފުދުގައި އެންމެ އިސްކޮށް ތިއްބަވަނީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ހުސެއިން ލިރާރު، އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓާ އިބްރާހިމް ޔޫސުފް، އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބދުﷲ ޒިޔަތެވެ. މިއީ ރާއްޖޭން މި ފެއާގައި ބައިވެރިވާ ސޯޅަ ވަނަ އަހަރެވެ. މި ފެއާގައި ރާއްޖޭގެ ރިސޯޓްތަކުގައި ހުންނަ ބީޗްބަނގަލޯ އާއި ބެހޭ މައުލޫމާތު ދޭނެއެވެ. މިފަދަ ބީޗްބަނގަލޯ އަކީ ރާއްޖެ އަށް ޚާއްސަ ކަމެކެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ މީހުން ރާއްޖޭގައި ތިބިކަން ސިފަވާގޮތަށް ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ.

އެރޭބިއަން ޓްރެވަލް މާކެޓް 2015 ގައި ހުރި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ އެމްއެމްޕީއާރުސީ
މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު މެދުއިރު މަތިން ރާއްޖެ އަށް ވަނީ 6395 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިއަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.7 ޕަސެންޓް އިތުރު އަދަދެކެވެ. މި ސަރަހައްދުން އެންމެ ގިނަ ފަތުރުވެރިން އަންނަނީ ސައުދިއަރަބިއާ އިންނެވެ. މި ފެއާ ކުރިއަށްދާ ދުވަސަވަރާއި މަޓާޓޯ ޓްރެވެލް އެވޯޑާއި ދިމާވުމުން މެދުއިރުމަތީގެ މީޑިއާގައި ރާއްޖެ އަށް ލިބޭ ސަމާލުކަން ބޮޑުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.