ތުއްތު ތުއްތު އިބްރާހިމް އާމިލް، 3، އެންމެ ފޯރި ހުންނަ ކަމަކީ އޭނާގެ ބައްޕައާއެކު ބޭރަށް ދިއުމެވެ. ތުއްތު އެ މޫނު މަތީ ހުންނަ ފޫހިކަން ފިލައި އުޖާލާކަން ގެނުވަނިވި ކަމަކަށް އެކަން ވެގެންދެ އެވެ. އެހެންކަމުން މީގެ ދުވަސް ކޮޅެއް ކުރިން ހަވީރު ވަގުތު އާމިލްގެ އިންތިޒާރަކަށް އަބަދުވެސް ވެފައި ވާނީ ބައްޕަ އޭނަ ގޮވައިގެން ދުއްވާލަން ނުކުންނަ ވަގުތެވެ. ނަމަވެސް މިއަދު ހާލަތު ބަދަލެވެ. މީގެ ކުރިން ފިނި ބުރަށް އިންތިހާއަށް ލޯބި ކުރި އާމިލަށް އެކަން މިހާރު ނަފްސާނީ ބިރުވެރިކަމަކަށް ވެއްޖެ އެވެ. ކުރިން ހިތްއުފާވާ މަގުމައްޗަކީ އޭނާއަށް މިއަދު ބިރެކެވެ. "ބޫން، ބޫން" އަޑަށް އޭނާ ނަފްރަތު ކުރެއެވެ.

"ވީގޮތަކީ އެއް ދުވަހަކު ދުއްވަން ނުކުމެ އުޅެނިކޮށް ކުއްލިއަކަށް ސައިކަލެއް ވަރަށް ކައިރިން މިދަނީ ވަރަށް ބާރަށް ދުއްވާފައި. އެއީ ސައިލެންސަރު ފަޅާލާފައިވާ ސައިކަލެއް. ހެސްކިޔާފަ އަޑުފަށްގަނޑު ބާރު. މަވެސް ސިއްސައިގެން ދިޔައީ އިންތިހާއަށް އަޑުގަދަ ކަމުން. އެއަޑު އާމިލަށް އިވުމާއެކު ބިރުން ތެޅިގަތް. އެއާއެކު ރޯން ފެށި. އޭގެ ފަހުން ދުއްވާލަން ނުދާން ވަރަށް އުޅޭނެ،" އާމިލްގެ ބައްޕަ ކިޔައިދިނެވެ.

އެ ތުއްތު ކުއްޖާއަށް ދިމާވެފައިވާ ނަފްސާނީ ބަލި މަޑުކަމަކީ އެތައް ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. މާ "ކޫލް" ކަމަކަށް ހަދައިގެން އަދުގެ ޒުވާނުން އެހިންގާ ޖަރީމާގެ ސަބަބުން އެތައް ބަޔަކަށް އެތައް އުނދަގުލަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. އެތައް ބައެއްގެ ފަރުދީ ހައްގަށް މިވަނީ އަރައިގަނެ ބިރުވެރިކަން އުފައްދާފައެވެ.

ވެރިރަށް މާލެއަށް ބަލާއިރު ސައިކަލްގެ ސައިލެންސަރު ފަޅައިގެން ދުއްވާ އެތައް ބަޔަކު އެބައުޅެ އެވެ. އެ ކަމުގައި ގިނައިން އުޅެނީ އަދުގެ ޒުވާނުންނެވެ. ސައިކަލްތަކުން ހިތްތަކުގައި ބިރުވެރިކަން އުފެދޭ އަޑުފަށް ގަނޑާއެކު ދުއްވުމަކީ އެ މީހުންނަށް ފެޝަނެކެވެ. އެ ބިރުވެރި އަޑުތައް ސައިކަލްތަކުން އިވެނީ ސައިކަލަށް މޮޑިފިކޭޝަންތަކެއް ގެނެސް ސައިލެންސަރަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ބައެއް ތަކެތި ސައިލެންސަރުގެ ތެރެއަށް ވައްދައިގެންނާއި ސައިލެންސަރު ތޮރުފައިގެން ބަދަލުތަކެއް ގެނެސްގެން އެކަން ކުރެ އެވެ. އޭގެ ސަބަބުން ހިތްތަކަށް ބިރުވެރިކަމާއި މީހުންނަށް ސިހުން ގެނުވާފަދަ އެތައް އަޑެއް އިވެއެވެ. ހޮނުގުރިއެއް ފަދަ އަޑުތަކެކެވެ.

"އެފަދަ ސައިކަލެއް މަޑުން ދުއްވިޔަސް މަގުގައި އޭނާ އާއި އެއްހަމައެއްގައި ނުވަތަ އޭނާއަށްވުރެ ކުރިން ދާ މީހާއަށް ވެސް ހިތުގައި ބިރުވެރިކަން އުފެދިގެން ދޭ. މީގަ ހަމައެކަނި އުފެދެނީ ބާރެއް މަޑެއް ނޫން. އޭގެ އެހުންނަ އަޑުގެ ސަބަބުން މަގުމަތިން ދާ ކުޑަކުދިންނަށް ވެސް، އަދި ހިނގާ މީހުންނަށް ވެސް ވަރަށް ބޮޑަށް ހިތައް ނުތަނަވަސްކަން އުފެދިގެންދާނެ،" ހެޑް އޮފް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު ވިދާޅުވި އެވެ.

މިކަން އިންތިހާއަށް އިތުރެވެ. އެތައް ބަޔަކަށް މިކަމުގެ ދުއްތުރާލާ މި ވަނީ ކުރިމަތިވެފަ އެވެ. އެތައް ތުއްތު ކުދިންނެއް ރޮއްވާލަ އެވެ. އެތައް ބައެއްގެ ނިދިން މަހުރޫމް ކޮށްލަ އެވެ. މަގުތައް މަތީ އެފަދަ ސައިކަލްތައް ދުއްވާފައި ދާއިރު ގޭގެ އަށާއި އޮފީސްތަކުގެ އިތުރުން ސްކޫލްތަކުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ވެސް އެ ދުއްތުރާ ކުރިމަތިވެ އެވެ. ހަމައެހެންމެ މިސްކިތްތަކުގައި އަޅުކަމުގައި ތިބުމަށް ވެސް ދަތިކުރުވަ އެވެ.

ބާރު އަޑުފައްގަނޑެއް ކުއްލިއަކަށް އިވުމަކީ ސިއްހީ ގޮތުންވެސް މައްސަލަތައް ދިމާވާނެ ކަންކަމެވެ. އެކޯސްޓިކް ޝޮކް ޑިސްއޯޑާ އަކީ ކުއްލިއަކަށް ބާރު އަޑެއް ކަންފަތް ކައިރިން އިވުމުން ދިމާވާ ކަމެކެވެ. އެކަމުގެ ސަބަބުން ކަންފަތަށް ތަދުވުން ކަލަހަ މައްސަލަތައް ދިމާވުމަކީ އާންމު ކަމެކެވެ. އަދި ބައެއް ޙާލަތްތަކުގައި ކަންފަތް ކައިރި އައްސި ވުމުގެ އިތުރުން ކަންފަތަށް ތަދުވާ ފަދަ ހޫނު ކަމެއް އިހްސާސް ވުމަކީ ވެސް ވުން އެކަށީގެންވާ ކަންތައް ތަކެވެ.

އެފަދަ ބާރު އަޑުތަކުން ޝޮކު ޖެހުމަކީ އާންމު ކަމަކަށް ވާއިރު އޭގެ ސަބަބުން ކުރާ ގެއްލުން އަޑުގެ ބާރު މިނާއެކު ބަދަލު ވެގެން ދެއެވެ. ބައެއް ފަހަރު އެ އަޑުގެ ބާރު މިނުގެ ސަބަބުން ޝޮކުތަކަކީ ކުޑަ ހިނދުކޮޅަކަށް ހުންނަ އެއްޗެއްސެވެ. ނަމަވެސް އަނެއްބައި ފަހަރު ދިމާވާ މައްސަލަތައް ދާއިމީވުން ވެސް އެކަށީގެން ވެއެވެ. އޭގެ ތެރޭގައި ކަންފަތަށް އެއް ގޮތަކަށްވެސް އަޑު ނީވުން ހިމެނެއެވެ. ހާއްސަކޮށް ކުޑަކުދިންނަށް ކުރާ އޭގެ ނޭދެވޭ އަސަރު ބޮޑެވެ.

ދާއޫދު ވިދާޅުވި ގޮތުގައި ސައިލެންސަރު ފަޅައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ ސައިކަލްތައް ހިފަހައްޓާފައި ފިޔަވަޅު އެޅުމުގެ ބާރު ޓްރެފިކް ގާނޫނުގެ ތެރެއިން ލިބިގެނެއް ނުދެއެވެ. ނަމަވެސް ގޭންގު ކުއްތައް މަނާކުރާ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭ ކަމަށާއި މިހާރު ދެވޭ އަދަބަކީ ޖޫރިމަނާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޫރިމަނާއަކީ މިކަމުގެ ހައްލެއް ނޫން. އެކަންކަން މިހާރު ވެސް ހިނގަމުންދޭ އެހެން ނަމަވެސް ޖޫރިމަނާ ދައްކާފައި އަނެއްކާވެސް އެމީހާ އެސައިކަލުގައި އެސައިލެންސަރު ފަޅައިގެން [ދުއްވާ]" ދާއޫދު ވިދާޅުވި އެވެ.

މިހާރު އޮތް ގާނޫނުގެ ދަށުން ފުލުހުންނަށް އެފަދަ މައްސަލަތަކުގައި އެކަށިގެންވާ ފިޔަވަޅެއް ނޭޅެއެވެ. އެފަދަ ބޮޑު ނުރައްކާތެރި މައްސަލައެއްގައި ފިޔަވަޅުނޭޅުމަކީ ޖޯކެއް ނޫންތޯއެވެ. ނަމަވެސް ހައްލު ލިބޭނެ ކަމުގެ ނިޝާނެއް އެބަ ފެނެއެވެ. މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޓްރެފިކް ގާނޫނަށް ބަދަލު ގެނައުމުގެ ބިލުގެ ތެރެއިން ސައިލެންސަރު ފަޅައިގެން ރައްޔިތުންގެ ހިތްތަކުގަައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ ސައިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 30 ދުވަހަށް ހިފެހެއްޓުމާއެކު އެފަދަ ސައިކަލް ދުއްވާ މީހުންގެ ލައިސެންސް 90 ދުވަހަށް ހިފެހެއްޓުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންދެއެވެ.

"އިރާދަކުރެވިއްޔާ މިބުނާ ބިލަށް އިސްލާހް އައިސްގެން ފާސްވެގެން ދާއިރު މިކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެކަން އެއީ އެއްވެސް ވަރަކަށް ޝައްކު ކުރާ ކަމެއް ނޫން،" ދާއޫދު ވިދާޅުވި އެވެ.

ތުއްތު އާމިލް ވެސް ބޭނުންވާނީ އުފާވެރި ވަގުތު ކޮޅެއް ހޭދަކުރެވޭނެ މަގުމައްޗެކެވެ. ކޮންކްރީޓް މި ޖަންގަލިން އުފަލެއް އޭނާއަށް ވެސް ލިބެން އޮތީ އެގޮތަށެވެ. ސައިކަލްތަަކުން ފާޑުފާޑު އަޑުލައްވަމުން އެ ހިންގާ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ބިރުވެރިކަން ހިތަށް ވަންނަމުންދާ ފަރާތްތަކަށް އެ މީހުންގެ ހައްގުތައް ލިބެންޖެހެ އެވެ. މަދު ބަޔަކު ކުރާ އެއަމަލުގެ ސަބަބުން އޭގެ އަނިޔާ ލިބޭ މީހުން އެތައް ގުނައެއް އިތުރެވެ.