04 May 2015, 23:45
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެއަށް އައިސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެކަނބަލުން މިރޭ އެ ކުދީންނާ ބައްދަލުކުރައްވައިފި އެވެ.
މުލިއާގޭގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސް ޔާމީންގެ ދެކަނބަލުން ވަނީ ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ޝަރަފުގައި ހާއްސަ ފަރިއްކޮޅެއް ވެސް ބާއްވާފައެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމްބަސަޑަރު އެޓް ލާޖު އަބްދުﷲ ހަމީދު ދެއްކެވި ވާހަކަފުޅުގައި، ނޭޕާލަށް އައި ބިން ހެލުމުގެ ކާރިސާގައި އެ ގައުމުގައި އުޅޭ ދިވެހިންގެ ހާލު ރައީސް ޔާމީން ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަން ފާހަގަކުރެއްވި އެވެ. އަދި އެކުދިންނަށް ދެވެން އޮތް އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި އެކަމަށް އެމަނިކުފާނު އަވަސްވެވަޑައިގަތް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ނޭޕާލުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންތަކެއް މިރޭ މުލީއާގޭގައި -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އަދި އެކަން މިގޮތަށް ކުރުމަށް އެމަނިކުފާނު [ރައީސް ޔާމީން] ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް އެންގެވުމާއި ގުޅިގެން ނޭޕާލުގައި ތިބި ދިވެހިންގެ މައުލޫމާތު ސާފުކޮށް އެބޭފުޅުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮން ގޮތަކުންތޯ ބެލުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފެށި. އަދި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެން އެންމެ އުފާވި، ﷲއަށް ޝުކުރުކުރާ އެއް ކަމަކީ މި ކާރިސާގައި އެއްވެސް ދިވެއްސަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާތީ،" އަބްދުﷲ ހަމީދު ވިދާޅުވި އެވެ.
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ދިރިއުޅެމުންދިޔަ ދިވެހިން ރާއްޖެއަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު އެވެ.
ނޭޕާލުން އައި ދިވެހި ކުދިން ބުނީ ނޭޕާލަށް މިހާރު އެންމެ ބޭނުންވަނީ ސިއްހީ ފަރުވާދޭނެ ފެންވަރު ހުރި ތަކެތި ކަމަށާއި، ފަރުވާ ދޭނެ މީހުންނެތިގެން މީހުން މަރުނުވާ ކަމަށެވެ. ނަމަވެސް ބޭހާއި، އެހެނިހެންވެސް ފަރުވާއަށް ބޭނުންވާނެ ފެންވަރުގެ ތަކެތި ނެތްކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.