04 May 2015, 22:01
މޭޑޭ މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ހަމަލާދިން ފުލުސް މީހާ ވައްޓާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކްލަބް އީގަލްސްގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފްގެ ކޮންޓެކްޓް އެ ކްލަބުން އުވާލައިފިއެވެ.
މިއަދު ހަވީރު ޕްރެސްޓިކްސްގައި ލަބާން ހުއްޓައި ކޯޓް އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާއިރު އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) މިރޭ ސަން އަށް ވިދާޅުވީ، ލަބާންގެ ކޮންޓެކްޓް އެ ކްލަބުން އުވާލާފައިވާ ކަމަށެވެ.
ކޮންޓެކްޓް އުވާލީ ފުލުހަކަށް ހަމަލާދިނުމުގައި އޭނާ ބައިވެރިވެފައިވާތީ ކަމަށް މުފާ ވިދާޅުވި އެވެ.
"ސިޔާސީ ވުން މައްސަލައެއް ނެތް. އެކަމުގައި ބައިވެރިވީމަ [ފުލުހަކަށް ހަމަލާދިނުމުގައި] ބައިވެރިވީމަ މައްސަލައަކީ. ހަމަނުޖެހުމުގައި ފުލުހަކަށް ހަމަލާދިނީމަ. ލަބާން ގޮސް އޭނާ [ފުލުސް މީހާ] ވައްޓާލީމަތާދޯ އޭނާއަށް އެވަރުވީ،" މުފާ ވިދާޅުވި އެވެ.
ލަބާން ހައްޔަރުު ކޮށްފައި އެވަނީ އެކުލަބުގެ އެއް ނަމްބަރު ގޯލްކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާންޖެހިފައިވަނިކޮށެވެ. މުފާ ވިދާޅުވީ، އިތުރު ކީޕަރަކު ހޯދުމާ ދޭތެރޭ ކްލަބުން ވިސްނާނީ ޖޫންގައި އޮންނަ ޓްރާންފާގައި ކަމަށެވެ.
ލަބާން ހައްޔަރުކުރުމާ އެކު މިހާތަނަށް ފުލުހަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.