25 Feb 2011, 20:15
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ޑީއާރުޕީން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޑީއާރުޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހާ ބެހޭ ގޮތުން ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނައުމުން އެ ގާނޫނުން ކަނޑައެޅިގެން އައްޑުއަށް ސީޓި ކައުންސިލްގެ ދަރަޖަ ދެވޭނެ ކަމަށެވެ. ގާނޫނުން އައްޑުއަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ސިޓީ ކައުންސިލްގެ ޝަރުތުތައް ކަނޑައަޅަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުވެސް އައްޑުއަށް ސިޓީގެ ދަރަޖަ ކަނޑައަޅާފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގައި އެންމެ ބޭފުޅަކު ހުންނަވައިގެން. މި އިސްލާހުގެ ސަބަބުން ލޯކަލް ގަވާމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުން ކަނޑައެޅިގެން އައްޑުއަށް ސިޓީ ކައުންސިލްގެ ދަރަޖަ ދެވޭނެ."
ހަސަން ލަތީފު މިއަދު ވިދާޅުވީ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ މެންބަރުންގެ އެއްބާރުލުމާއެކު އިސްލާހު ފާސްވާނެ ކަމަށް މިބަލަނީ. އިސްލާހުގެ ސަބަބުން އަލުން އިންތިހާބު ބާއްވަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު މި ކުރަނީ."
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ބާއްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން ހަސަން ލަތީފު ވިދާޅުވީ އައްޑު ސިޓީ ކައުންސިލް އިންތިހާބު ބާއްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ މައްސަލާގެ ތެރެއަށް ޑީއާރުޕީން ވަންނަން ބޭނުން ނުވާ ކަމަށެވެ.