އަނެއްކާވެސް ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

މިއަދު ހަވީރު އަދާލަތު ޕާޓީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އަމާޒަކީ މިމަސް ނިމުމުގެ ކުރިން އެ މުޒާހަރާ ބޭއްވުން ކަމަށެވެ.

"މިއަދުގެ ބައްދަލުވުމުގައި އަޅުގަނޑުމެން އަނެއްކާވެސް ނިންމާފައި މިވަނީ ވަރަށް ބޮޑު ހަރަކާތެއް އިރާދަކުރެއްވިއްޔާ ރޭވުމަށް. ކުރާނެ ކަންތައްތަކާއި ހިންގާނެ ހަރަކާތްތައް އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން އަނެއްކާވެސް ބޮޑު ހަރަކާތެއް މާލޭގައި ބޭއްވުން. މީގައި ހަމަ ރާއްޖޭގެ އަތޮޅުތަކުގެ އެކި ސަރަހައްދުން ވީހާވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިބޫ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ ---- ސަން ފޮޓޯ/ އަހްމަދު އާޒިފް

އިބޫ ވިދާޅުވީ، އެ މުޒާހަރާއަކީ ޒުވާނުންގެ ވަރަށް ބޮޑު ބައިވެރިވުމަކާ އިސްނެގުމަކާއެކު ބާއްވާ މުޒާހަރާއެއް ކަމަށާއި ސިޔާސީ ފިކުރުތައް އެއްކިބާކޮށް ގައުމީ ކަމެއްގެގޮތުގައި ދެކި ގިނަ ބަޔަކު އެ މުޒާހަރާގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

"އެހެންވީމާ މި ހަރަކާތްވެގެންދާނީ މެއި އެއްވަނަ ދުވަހު ބޭއްވުނު ހަރަކާތައް ވުރެވެސް ބޮޑު ހަރަކާތަކަށް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޮޑު މުޒާހަރާ ބާއްވަންވާއިރަށް، އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވެސް މިއަދު ނިންމާފައިވާ ކަމަށެވެ.

"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އެ ރޭގެ ނިޔަލަށް ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ދެ ފުލުހަކަށް ހަމަލާދީފައެވެ. ޗާނދަނީމަގުގައި ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.